ފަތުރުވެރިންގެ ކިބައިން މާލެ ސަރަހައްދަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ: އެޗްއީއޯސީ

މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް ހުޅުވިނަމަވެސް ފަތުރުވެރިއެއްގެ ކިބައިން މާލެ ސަރަހައްދަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، އެކަމަށްޓަކައި ހާއްސަ ގައިޑްލައިންތަކެއް ލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ކަނޑައަޅައިފައެވެ.

ރޭ އެޗްއީއޯސީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ގައިޑްލައިންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ޓެގް ޓީމްގެ ޑޮކްޓަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، މާލެ ސަރަޙައްދުގައި ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވަން ނިންމީ، މާލެ ސަރަހައްދުން މީހުން ޕޮޒިޓިވްވާ ނިސްބަތް ކުރިއާއި އަޅާ ބަލާއިރު ދަށަށް ދދިއުމުން ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފަށައިގެން މާލެ ސަރަހައްދުގެ ކޮވިޑް-19 ގެ ސާމްޕަލްތަކުގެ އަދަދުން ޕޮޒިޓިވްވާ ނިސްބަތް ވަނީ 5 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓިފައިވާކަމަށް ހާމަކުރެއްވިއެވެ.

ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފަތުރުވެރިންނަށް ހުޅުވާލިކަމުގައިވިޔަސް، ގައިޑްލައިން ތައްޔާރުކުރީ ދިވެހިންނަށްވެސް މިތަންތަނުގައި ތިބެވޭނެގޮތަށްކަމަށެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ފަތުރުވެރިންގެ ކިބައިން ގެސްޓުހައުސްތަކުގައި ތިބެދާނެ ދިވެހިންނަށް ފެތުރުމުގެ ފުރުސަތު ނުވަތަ ފަތުރުވެރިންގެ ކިބައިން މާލެ ސަރަހައްދަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ" ޑރ.އަޙްމަދު ޝަހީދު ވިދާޅުވިއެވެ.

ސަބަބަކީ، މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަލުން ހުޅުވާލަނީ، ވަރަށް ރަނގަޅު މެޝަރސް ތަކާއެކު ކަމަށް ވާތީކަމަށް ޑަރ. ޝަހީދު ވިދާޅުވިއެވެ. އަދި މި މެޝާރސްތަކާއެކު، ފަތުރުވެރިންގެ ކިބައިން ބަލި ފެތުރުމުގެ ރިސްކް ވަރަށް ކުޑަވާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން، ދިވެހިންނެކޭ އެއްގޮތަށް ފަތުރުވެރިންވެސް ޕަބްލިކް ހެލްތް ގައިޑްލައިންތަކަށް އަމަލުކުރުން ލާޒިމުވާނެކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. މީގެ އިތުރުން، ރައްކާތެރިކަމަށް އިތުރަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ގެސްޓު ހައުސްއެއްގައިވެސް ވަކިން އައިސޮލޭޓް ރޫމެއް ހުންނަށް ޖެހޭނެ ކަމަށް ހާމަކުރެއްވިއެވެ. އަދި މޭލެ ސަރަހައްދުގެ ގެސްޓްހައުސް އަދި ހޮޓެލް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ މަހަކު އެއްފަހަރު ޕީސީއާރު ހަދަން ޖެހޭގޮތަށް ގައިޑްލައިންގައި ވާނެކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިއެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކަށް ވަގުތުން ސިއްހީ ޙިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ޓުއުރިޒަމް މިނިސްޓްރީން ކުރައްވަމުންދާކަމަށް އެޗްއީއޯސީއިން ހާމަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ