ފައިޒާ ވެކްސިން އެންމެ ފުރަތަމަ އެމެރިކާއިންދޭ ލިސްޓުގައި ހިމެނޭ ވައިޓްހައުސްގެ އޮފިޝަލުންނަށް އެ ވެކްސިން ދިނުން ފަސްކޮށްފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެއްޖެއެވެ.
ޓުރަމްޕް މިކަން ހާމަކުރައްވައިފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ޓުރަމްޕް ވިދާޅުވެފައިވަނީ، ވައިޓުހައުސްގައި މަސައްކަތްކުރައްވާ އޮފިޝަލުންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ތަންކޮޅެއް ފަހުގެ ތާރީހެއްގައި ކަމަށާއި ނަމަވެސް، ކޮންމެހެން ވެކްސިން ދޭންޖެހޭ މީހެއް ހުރިނަމަ ދޭނެ ކަމަށެވެ.
އަމިއްލަފުޅަށް ވެކްސިން ޖައްސަވާނެކަން ނުވަތަ ނުޖައްސަވާނެކަން ޓުރަމްޕް ހާމަކޮށްފައި ނުވާއިރު މި މައުޟޫގައި ޓުރަމްޕް ބުނެފައިވަނީ، ވެކްސިން ޖެހުމަށް ޝެޑިއުލު ކޮށްފައި ނުވާކަމަށެވެ. މިހެންނަމަވެސް، ރަނގަޅު ވަގުތު އައުމުން ވެކްސިން ޖަހާނެ ކަމަށެވެ.
People working in the White House should receive the vaccine somewhat later in the program, unless specifically necessary. I have asked that this adjustment be made. I am not scheduled to take the vaccine, but look forward to doing so at the appropriate time. Thank you!
— Donald J. Trump (@realDonaldTrump) December 14, 2020
އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން އެމެރިކާގައި ދޭންފެށުމަށް ހަމަޖެހިފައިވަނީ މިއަދެވެ. މިކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު ވެކްސިންތައް މިހާރުވަނީ އެމެރިކާގެ ގިނަ ސްޓޭޓުތަކަކަށް ފޮނުވައިފައެވެ.
ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ފައިޒާ ވެކްސިނަކީ ކޮވިޑް-19 އިން 95 އިންސައްތައިގެ ރައްކާތެރިކަން ފޯރުކޮށްދޭ ކާމިޔާބު ވެކްސިނެކެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އިތުރުން، އިނގިރޭސިވިލާތް، ބަހުރެއިން، ކެނެޑާ، އަދި ސައުދީއަރަބިއްޔާއިންވެސްވަނީ ދީފައެވެ.



