ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މައްސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ފެން ކުންފުނި ކަމަށްވާ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ މިމަޝްރޫޢޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 40 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތިވެސް މިހާރު ކިނޮޅަހަށް ގެންދެވިފައިވާކަމަށެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް މިހާރުދާކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 10.98 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2 ތާންގި އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 870 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫޢުއަށް ޖުމްލަ 36,048,032.06 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.




