މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ޑޮލަރުން އާމްދަނީ ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރުމަށް ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވި ގޮތުގައި، ކުންފުނީގެ އަހަރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާއިރު، ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުންފުނިން އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވެއެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ،" މަތީން ވިދާޅުވިއެވެ.
އެމްޓީޑީސީއާ ގުޅިގެން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާކަން މަތީން ހާމަކުރެއްވިއެވެ. ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، މި ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.
ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމުން ދަތިތައް ކުރިމަތިވަމުންދާއިރު، ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށެވެ. މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތްކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ.



