ކޮވިޑްޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާ ނުލުމަށް އެ ޤައުމުގެ ސަރުކާރުގައި ދެންނެވުން މާރަނގަޅު ވާނެ ކަމުގައި ރައީސް މަޢުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މަޢުމޫން މިފަދައިން ވިދާޅުވެފައި މިވަނީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން ނިޔަވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ކުރުމުގައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި އެދިފައި ވަނިކޮށެވެ.
އެގޮތުން އެޤައުމުގެ އެދުމުގެ މަތިން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ދަނީ މަޝްވަރާކުރައްވަމުންނެވެ.
މިކަމާއި ގުޅިގެން ރައީސް މަޢުމޫން ވިދާޅުވެފައި ވަނީ ޝްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ޝްރީލަންކާ ސަރުކާރުގައި ދެންނެވުން މާރަނގަޅުވާނެކަމަށެވެ.
ޝްރީލަންކާގައިކޯވިޑްޖެހިގެންމަރުވާ މުސްލިމުންގެހަށިތައްރާއްޖޭގައިވަޅުލައިދިނުމުގެބަދަލުގައިއިސްލާމީއުޚުއްވަތްތެރިކަމުގެރޫޙުގައިއެމީހުންގެހަށިތައްއަންދާނުލުމަށްޝްރީލަންކާސަރުކާރުގައިދެންނެވުންމާރަނގަޅުވާނެނޫންތޯ؟
— Maumoon Abdul Gayoom (@maumoonagayoom) December 15, 2020
މީގެ ކުރިންވެސް މަޢުމޫން ވަނީ މި މައްސަލައާއި ގުޅިގެން ބަސް ވިދާޅުވެފައެވެ. އެގޮތުން މަޢުމޫން ކުރިން ވިދާޅުވެފައި ވަނީ ކޯވިޑްގެ ސަބަބުން މަރުވާ ސްރީލަން ކާމުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއްނޫންކަމަށެވެ. އަދި އެކަން ކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށްކަމުގައިވެސް މަޢުމޫން ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާ ސަރުކާރުން އަންނަނީ ކޮވިޑް-19 ގައި މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ބަދަލުގައި އަންދަމުންނެވެ. މިކަމާއި ގުޅިގެން އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްރީލަންކާ ސަރުކާރުން ވަނީ ކޮވިޑް ޖެހިގެން ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެންފައެވެ.