ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެވިފައިވަނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާއި ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިންގ އިންސްޓިޓިއުޓް އާ ދެމެދުގައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޑިޕްލޮމެޓިކް ތަމްރީނުތަކާއި މަޢުލޫމާތު އަދި ލިޔެކިޔުންތައް ބަދަލުކުރުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
މީގެއިތުރުން، ދެޤައުމުގެ މެދުގައި ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުއާހަދާއެއްގައިވެސް ސޮއިކުރެވުނެވެ. މި މުއާހަދާގެ ދަށުން، ޖިނާޢީ މައްސަލަތަކުގައި ދެޤައުމުގެ މެދުގައި އެއްބާރުލުން ދިނުމާއި، ދަޢުވާކުރުމާއި، ހެއްކާއި މަޢުލޫމާތު ހިއްސާކުރުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި އެއްބަސްވުންތަކަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް، ޑިޕްލޮމަސީ އާއި ޤާނޫނީ ދާއިރާތަކުގެ ޒަރީއާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.