މިމަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެއްވީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސެނައިކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ދެޤައުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދިވެހިން ދަތުރުކުރާ ޤައުމަކަށްވުމުން، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެއެވެ.
ވިސާއަށް އެދޭ ފަރާތްތަކުގެ ސަމާލުކަމަށް ޚާރިޖީ ވުޒާރާއިން ވަނީ އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ސަމާލުވުމަށް އަންގަވާފައިވެއެވެ. އެއީ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީއެވެ.
މި ނިންމުމާ ގުޅިގެން، ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ޖުލައި 30 އިން ފެށިގެން ސްރީލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އަވައްޓެރި ސްރީލަންކާއަކީ އެންމެ ގިނައިން ދިވެހިން ޒިޔާރަތްކުރާ އެއް ޤައުމެވެ. އަދި ބޭސްފަރުވާއާއި ތައުލީމު ހާސިލްކުރުމަށް އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ އެއްޤައުމަކީވެސް ސްރީލަންކާއެވެ. މި އައު ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.