އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އެގޮތުން އެމައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ނިހާން ފުރުން ވަނީ މަނާކޮށްފައި ކަމަށެވެ.
އެމައްސަލައާއި ގުޅިގެން ޕީޖީގެ އޮފިޝަލަކާއި ހަވައިލާދީ އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" ގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، އެމައްސަލައާއި ގުޅިގެން ނިހާން އަށް ދައުވާ ކުރެވޭ ވަރަށް ގިނަ ހެކިތައް ލިބިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ނިހާންގެ އަތެއް ވާކަމަށް ޝައްކުވާތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ނިހާން ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ކުރައްވައިފައެވެ.