ކޮވިޑް-19 އަށް ބޭނުންކުރާނެ ދެވަނަ ވެކްސިނަކަށް ހުއްދަދިނުމަށް އެމެރިކާއިން ތައްޔާރުވެއްޖެއެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ކުރި ދިރާސާތަކަށްފަހު ނެރުނު ލިޔުމުގައި ބުނެފައިވަނީ، މޮޑޯނާ ވެކްސިން އަކީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއް ކަމަށެވެ.
ފުޑް އެންޑް ޑުރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނީ މޮޑޯނާ ވެކްސިނަކީ ކޮވިޑް-19 އިން 94 އިންސައްތައިގެ ރައްކާތެރިކަން ފޯރުކޮށްދޭ ކާމިޔާބު ވެކްސިނެއް ކަމަށެވެ.
އެފްޑީއޭ އިން މޮޑޯނާ ވެކްސިންއަކީ ބޭނުން ކުރުމުގައި ކާމިޔާބު ވެކްސިނެއްކަމަށް ބުނެފައި މިވަނީ ވެކްސިން ޕެނަލްގެ ބައްދަލުވުމުގެ ކުރިންނެވެ. ވެކްސިން ޕެނަލްއިން މޮޑޯނާ ވެކްސިނާބެހޭ ގޮތުން ގޮތެއް ނިންމުމަށް ބައްދަލުވުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ހޮނިހިރު ދުވަހުއެވެ.
އެމެރިކާގައި ފައިޒާ ވެކްސިން އިއްޔެ ދޭން ފަށައިފައިވާއިރު މި ވެކްސިނާއި ހިލާފަށް މޮޑޯނާ ވެކްސިން ސްޓޯރ ކުރުމަށް ގަދަ ފިނީގައި ބަހައްޓާކަށް ނުޖެހެއެވެ. މިހެންކަމުން ފައިޒާ ވެކްސިނަށްވުރެ މޮޑޯނާ ވެކްސިން އެއްތަނުން އަނެއްތަނަށް އުފުލަން ފަސޭހަވެގެން ދާނެއެވެ.