ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވީ، މި މައްސަލައަކީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށާއި، އެކަން ކޮށްފައިވަނީ އެކުންފުނީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް، އޭނާގެ އެންގުމަށް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކުގެ ގޮތުގައި އޭސީސީން ބުނީ، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗް.އާރް މެނޭޖަރ އަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގޭކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، މި މުވައްޒަފުން އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި ޢަމަލުކުރަމުންދާގޮތާ ޚިލާފަށް ދީފައިވާ ރިލީޒްއެއްކަން މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތުން، އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ޙާޟިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ޙާޟިރުވިކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު، އެ ކުންފުނީގެ އައި.ޓީ މުވައްޒަފުންނަށް އަންގާފައިވާކަން، މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ." އޭސީސީން ވިދާޅުވިއެވެ.
އެހެންކަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުވެސް ހިމެނޭގޮތަށް ރިލީޒްދީފައިވަނީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު (ވެލްކަމް / ސ.ހިތަދޫ) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށްވާތީއާއި، އޭނާގެ އެ ޢަމަލަކީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނު) ގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުށެއްކަމަށްވާތީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު (ވެލްކަމް | ސ.ހިތަދޫ) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީކަމަށްވެސް އޭސީސީންވަނީ ވިދާޅުވެފައެވެ.