އޭސީސީގެ މެމްބަރުން މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވަނީ.-- ފޮޓޯ: މަޖިލިސް

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފި އެވެ.

އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިމަހުގެ ނުވަވަނަ ދުވަހު ނިންމުމާއި ގުޅިގެން، ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ހެނދުނު ވަނީ ބާއްވަފައެވެ.

އޭސީސީގެ ހަތަރު މެމްބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ފަހުން އެ ކޮމިޝަނުގެ މެމްމްބަރު އިބްރާހީމް ޝަކީލް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވި ކަން އަންގާ ރައީސް އޮފީހުން ފޮނުވި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެއްޓެވިއިރު އިއްވައިފައެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ކޮމިޓީން ހުށަހަޅައިފައިވާ ކޮމިޓީ ރިޕޯޓު އިއްވައިފައެވެ. އަދި މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް އޮޑިޓަށް ފަހު އެވެ. އެ އޮޑިޓުން ފާހަގަވި ދިހަ ކަމެއް މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ:

1- އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ އެންމެ އެއް ޕަސެންޓް މައްސަލަކަމަށް ވުން، އެއީ އިންވެސްޓިގޭޓަރުންގެ ގާބިލުކަމުގެ މައްސަލަ ހުރި ކަމަށް އޮޑިޓުން އެނގިފައި ވުން

2- ހުށަހަޅާ މައްސަލަތަކުގެ ކޭސްމެނޭޖްމަންޓް އަޕްޑޭޓްނުވުމުގެ ސަބަބުން ކޭސްތަކުގެ ތަފާސްހިސާބު ފުރިހަމަނޫންކަން.

3- ގިނަ އަހަރުތަކެއް ވީ އިރު ވެސް ނުނިމޭ މައްސަލަތައް ހުރުން

4- ތަހުގީގު ނިމުމަށް ފަހު ވެސް ދައުވާކުރަން ނުފޮނުވި ގިނަ ދުވަސްވުން.

5- ރިސްކް އެސެސްމެންޓް ރިޕޯޓް ހަދައި، އަށް މުއައްސަސާއަކަށް ހުށަހެޅުމުން، އެތަންތަނުން އެކްޝަން ޕްލޭން ހުށަނޭޅުމުން ވެސް ކޮމިޝަނުން ފިޔަވަޅު ނޭޅުން.

6- މަސައްކަތް އަވަސްކުރަން ކޮމިޓީން އޭސީސީއަށް ތަކުރާރުކޮށް އެންގުމުން ވެސް އަވަސްނުކުރުން.

7- އެމްއެމްޕީއާރްސީގެ މައްސަލަތައް އަވަސްކުރަން ކޮމިޝަނަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދޭން މަސައްކަތް ކުރުމުން ވެސް ދައުވާކުރަން ފޮނުވާނެ ކަމަށް ބުނި އަދަދުގެ މައްސަލަތައް ނުފޮނުވުން.

8- ކޮރަޕްޝަނުގެ ތެރެއިން ގެއްލުނު ފައިސާގެ ތެރެއިން ހޯދުނީ އެންމެ 11،000ރ. ކަމަށް ވުން

9- ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރެއިން ދައުވާ ނުކޮށް އަނބުރައި ފޮނުވައިލި މައްސަލަތަކުގެ އަދަދު ގިނަވުން.

10- ކޮމިޝަނުގެ މެމްބަރުން ބަދަލުކޮށްގެން ނޫނީ މަސައްކަތް ރަނގަޅުކުރެވޭނެ ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވުން

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ