އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީއެވެ. އަދި މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 29 އަދި 30 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އޭސީސީގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރަކު މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު މެމްބަރުކަމުން އިސްތިއުފާ ދެއްވީ ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް އެވެ.