ކުރިސްމަހާ ދިމާކޮށް ވިލާތުގެ ގައުމުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތައް އިތުރުކޮށް ހަރުކަށިކޮށްފިއެވެ.
ނެދަލެންޑުން ފަސް ހަފްތާއަށް ގައުމު ފުރަބަންދުކޮށް ކޮންމެހެން ހުޅުވަންޖެހޭ ފިހާރަތައް ފިޔަވައި އެހެނިހެން ފިހާރަތަކާއި، ޖިމް، އަދި ތިއޭޓަރުތައްވަނީ ބަންދުކޮށްފައެވެ.
ޖަރުމަނުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާތީ ޖަރުމަނުންވަނީ މާދަމާއިން ފެށިގެން އެގައުމުގައި އިއުލާން ކޮށްފައިވާ ފުރަބަންދު އިތުރަށް ހަރުކަށި ކުރުމަށް ނިންމައިފައެވެ.
ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ) އިން މިހާރުވަނީ ކޮވިޑް-19ގެ ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ބާއްވަން މިމަހުގެ 29 ވަނަ ދުވަހު ހަމަޖައްސައިފައި އޮތް ބައްދަލުވުން މިމަހުގެ 21 ވަނަ ދުވަހަށް އަވަސްވެސް ކޮށްފައެވެ.
އީއެމްއޭގެ ބައްދަލުވުން ބާއްވާ ތާރީހް އަވަސްކޮށްފައި މިވަނީ ވިލާތުގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދިއުމާއި އަދި މެންބަރު ގައުމުތަކުން މިކަމަށް ކުރަމުން އަންނަ ޕުރެޝަރުގެ ސަބަބުންނެވެ. އެމެރިކާ އަދި އިނގިރޭސިވިލާތުން މިހާރުވަނީ ކޮވިޑް-19 އަށް އުފައްދައިފައިވާ ފައިޒާ ވެކްސިނަށް ހުއްދަދީ އެ ބޭނުންކުރަން ފަށައިފައެވެ.




