ސްރީލަންކާގެ ސުޕްރިމްކޯޓު އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ލަންކާ ގަޑިން މިއަދު ހަވީރު 4:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްވެސް ލިޔެކިޔުމަކަށްވެސް ގެއްލުން ލިބިފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އިމާރާތުގެ އެންމެ ތިރީގައި ކުނިބެހެއްޓުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައެވެ. އަލިފާން ރޯވެފައިވާކަމަށް މައުލޫމާތު ލިބެނީ އެއާކޮންޑިޝަނިން ސިސްޓަމް އަށް ބޭނުންކޮށްފައިވާ އެއްޗެހި ތަކެއްގައެވެ.
ފުލުހުންގެ ތަރުޖަމާނަކާއި ހަވާލާދީ އޮންލައިން ނޫސް ކޮލަމްބޯޕޭޗްގައި ބުނެފައިވަނީ އަލިފާން ރޯވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، އަލިފާން ނިއްވާ ފަރާތްތަކާ، ސެކިއުރިޓީ ފޯރސަސް އާއި، އަދި އެއާފޯސްގެ އެހީތެރިކަމާއެކު އަލިފާންގަނޑު އިތުރައް ފެތުރުނަނުދީ ކޮންޓްރޯލް ކޮށްފައިވާ ކަަމަށެވެ.
ސުޕްރިމްކޯޓު އިމާރާތުގައި އަލިފާން ރޯވެފައި މިވަނީ ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންވެސް ވަޅުލުމުގެ ހުއްދަނުދީ އަންދާލަމުންދާ މައްސަލަ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ސްރީލަންކާގެ ފުލުހުންބުނީ އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި މިމައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




