ފުރާންސުގެ ވެރިރަށް ޕެރިހުގެ އޮތޯރެޓީތަކުގެ އިސްމަގާމުތަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް އަންހެން މުވައްޒަފުން ނަގައިގެން އެ އޮތޯރެޓީތައް ޖޫރިމަނާ ކޮށްފިއެވެ.
ޕެރިހުގެ އޮތޯރެޓީތައް ޖޫރިމަނާ ކޮށްފައިވަނީ ވަޒީފާގެ މާހައުލުގައި ދެޖިންސަށް ހަމަހަމަކަން ހޯދައިދިނުމަށް 2013 ވަނަ އަހަރު ހަދައިފައިވާ ގަވާއިދަކާއި ހިލާފުވެގެންނެވެ. ޖޫރިމަނާގެ ގޮތުގައި 90،000 ޔޫރޯ ދައްކަން ޖެހިފައި ވެއެވެ.
ވަޒީފާގެ މާހައުލުގައި ދެޖިންސަށް ހަމަހަމަކަން ހޯދައިދިނުމަށް 2013 ވަނަ އަހަރު ހަދައިފައިވާ ގަވާއިދުގައި ބުނަނީ، މެނޭޖްމެންޓު ފެންވަރުގެ ވަޒީފާތަކަށް އެއް ޖިންސަކުން 60 އިންސައްތައަށްވުރެ ގިނަ މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށެވެ.
ޕެރިހުގެ މޭޔަރ އޭން ހިޑާލްގޯ 2018 ވަނަ އަހަރުވަނީ ޕެރިހުގެ ސިޓީ ހޯލްގެ މެނޭޖްމެންޓް ލެވެލްއަށް 11 އަންހެނުންނާއި ފަސް ފިރެހެނުން ޕުރޮމޯޓުކޮށްފައެވެ. މީގެ ސަބަބުން މެނޭޖްމެންޓް ލެވެލްއަށް ޕުރޮމޯޓުކުރި 16 މުވައްޒފުންގެ 69 އިންސައްތަ ވެގެން ގޮސްފައިވަނީ އަންހެނުންނަށެވެ.
ފުރާންސުގެ ޕަބްލިކް ސާރވިސް މިނިސްޓްރީއިން މިމައްސަލައިގައި ޕެރުހުގެ އޮތޯރެޓީތައް ޖޫރިމަނާ ކުރުމާއި ގުޅިގެން މޭޔަރ ހިޑާލްގޯ ބުނެފައިވަނީ، ޕަބްލިކް ސާރވިސް މިނިސްޓްރީގެ ނިންމުމަކީ ތާކުންތާކު ނުޖެހޭ، ބޭއިންސާފު، ހަރުދަނާކަމެއްނެތް، ނުރައްކާތެރި ނިންމުމެއް ކަމަށެވެ.