ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ އިތުރު ފަސް ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު (އެކޮމިޝަނުގެ ނަންބަރު IUL)38-AA/38/2020/5) އިޢުލާނުން) ހުޅުވާލުމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ހަތަރު ކެނޑިޑޭޓަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ފަސް ކެނޑިޑޭޓަކު ނަން އަބުރާ ގެންގޮސްފައިވާކަމަށެވެ.
އެގޮތުން ނަން އަނބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންގެ ލިސްޓުގައި ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ފަސް ކެނޑިޑޭޓުންވެއެވެ. އެއީ؛ ދ. މާއެނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ އަނީލާ ޢަލީ ފިރާޤް، އާބާދީވިލާ / ދ. މާއެނބޫދޫއާއި، ނ.މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ފަރުޝާ ޝާދީ، ހަވީރީނާޒް، ނ. މާފަރުއާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ އާމިނަތު ޢަފީފާ، މާކަރީލައިޓް ލ. ކަލައިދޫއާއި، އަދި ރ. މާކުރަތު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ސުލްޠާނާ ޢަބްދުއްރަޙީމް، ފެންބޯހުރާ، ރ. މާކުރަތުގެ އިތުރުން ތ. ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ މަރްޔަމް މުޢާވިޔަތު، މަޑުފެހިވިލާ، ތ. ދިޔަމިގިލިއެވެ.
މީގެއިތުރުން އިތުރު ހަތަރު ކެނޑިޑޭޓަކު ނަން ގެންގޮސްފައިވާއިރު އެހަތަރު ކެނޑިޑޭޓުންނަކީވެސް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އެއީ، ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތި ލާފައިވާ މުޚުލިޞާ ޢަލީ، ބިޔުޓީވިލާ / ހދ. ނޮޅިވަރަންފަރުއާއި، އދ. ދަނގެތީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ނާޖިހާ އިބްރާހީމް، އެންދެރިމާގެ / އދ. ދަނގެތި އަދި ނ. ފޮއްދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ އަޙްމަދު ޝަހެޝާން، މައުނަ / ނ. ފޮއްދޫގެ އިތުރުން މ. މުލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ މަރްޔަމް ރަޝީދާ، ބިއުޓީފުލާވަރ، މ. މުލިއެވެ.




