މުޒާހަރާ ކުރުމުގެ ނަމުގައި އެމްޑީޕީން ހިންގީ ޤާނޫނާ ޚިލާފު ޢަމަލުތަކެއް: ޕީއެންސީ

އިދިކޮޅު އެމްޑީޕީން މުޒާހަރާކުރުމުގެ ނަމުގައި ހިންގާފައިވަނީ ޤާނޫނާއި ޚިލާފު، ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީން މާލޭގައި މުޒާހަރާ ބާއްވާފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވެވުނު ގޮތާ ޚިލާފަށެވެ. އެގޮތުން އެ ޕާޓީން ވަނީ ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ގަލާއި ފުޅި އުކައި، ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތްކޮށްފައެވެ.

މީގެއިތުރުން، ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ޚިދުމަތްތައް ކަމުގައިވާ ކެއުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސައި ނުދިނުމުގެ ސަބަބުން، އެ ފަރާތްތައް މާލޭގެ މަގުމަތީގައި ހާލުގައި ޖެހުނު ކަމަށް ޕީއެންސީން ފާހަގަކޮށްފައިވެއެވެ. މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާމެދު ޢަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއްކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޕީއެންސީން ވަނީ ސަރުކާރުން އަބަދުވެސް އެއްވެއުޅުމުގެ ޤާނޫނާ އެއްގޮތަށް ޚިޔާލުފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަން އަންގާފައެވެ. ނަމަވެސް މި ފުރުސަތަކީ ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ފުރުސަތެއް ނޫންކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޕީއެންސީން އިތުރަށް ފާހަގަކޮށްފައިވަނީ ހަޤީޤީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫންކަމަށާއި، ބަހުސްކޮށް، ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމާއެކު ވޯޓުން ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމްއަށް ޝުކުރު އަދާކޮށް، ތަންފީޒީ އިދާރާތަކަށް ދެވޭ ހަމަލާއަކީ ރައްޔިތުންނަށް ދެވޭ ހަމަލާއެއްކަން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ ބަޔާން ނިންމާލާފައިވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުންކަން ފާހަގަކޮށް، ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް، އެކަން ކުރި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ