ތަރައްޤީގައި ހަޤީޤީ ކުލަ ޖެހޭނީ ނެތެމުންދާ ތިމާވެށްޓާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކޮށްގެން

ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނެވި ތަރައްޤީގައި ހަޤީޤީ ކުލައެއް ނުޖެހޭނީ ނެތެމުންދާ ތިމާވެށޓާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ [ނޫ ރާއްޖެ] ޕްރޮގްރާމް އިފްތިތާހުކުރުމަށް ވަރޗުއަލްކޮށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ކަނޑަކީ އަހަރުމެން ދިވެހީންގެ ދިވެހިވަންތަކަމާއި، ދިރިއުޅުމާ އެންމެހައި ގޮތް ގޮތުން ގުޅިލާމެހިފައިވާ ވަސީލަތެއްކަމަށާއި، އެއީ އަހަރުމެންގެ ވަށައިގެންވާ، އަހަރުމެންނަށް އެއިން އާމްދަނީ ލިއްބައިދޭ، އަހަރުމެންގެ ދިރިއުޅުން އޭގެ މައްޗަށް ބަރޯސާވާ ރަހުމަތެއްކަމަށެވެ. މި ސަރުކާރުގެ ނޫ އިޤްތިޞާދުގެ ތަސައްވުރު ބިނާވެގެންވަނީ މިކަމުގެ މައްޗަށްކަމުގައި ފާހަގަކުރައްވާ، ޖަޒީރާ ޤައުމެއްގެ ގޮތުން ކުރިމަތިވާ  ގިނަގުނަ ގޮންޖެހުންތަކާއެކުވެސް ދިވެހިންގެ އުންމީދުތަކާއި ލަނޑުދަނޑިތަކުގެ އެންމެ މަތީ ހަރުފަތަށް އަމާޒުކުރުމަކީ ވިސްނުންކަމުގައި  މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގައި ނިންމާފައިވާ ގިނަ ނިންމުންތަކަކީ އެއްވެސް ހާލެއްގައި ފަސޭހަ ނިންމުންތަކެއް ނޫންކަމުގައްޔާއި އަދި އެހެންނަމަވެސް އެ ނިންމުންތަކަކީ ކަނޑާއި ކަނޑުގެ އެންމެހައި ދިރުންތަށް ހެޔޮ ސިއްޙަތުގައި އުޖާލާކަންމަތީ އަހަރުމެންގެ ދަރިންނާއި ހަމައަށް ވާސިލުކޮށްދިނުމަށް އަސާސީ ނިންމުންތަކެއްކަމުގައި މިނިސްޓަރ ޒަހާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނެތެމުންދާ ތިމާވެށޓާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް އެކަށީގެންވާ ހަރުދަނާ މަސައްކަތްކަތްތަކެއް ކުރެވިގެން މެނުވީ ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނެވި ތަރައްޤީގައި ހަޤީޤީ ކުލައެއް ނުޖެހޭނެކަމުގައި ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މާޙައުލީ ނިޒާމުތަކަށް ލިބިދާނެ އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ހުއްޓުވުމަށް އެ ވަގުތަކު އަޅަންޖެހޭ އަދި ޚަރަދުގެ ގޮތުން ދެކޮޅުޖެހޭ ފިޔަވަޅުތައް އެޅުމާއި، މާޙައުލީ ނިޒާމާ ގުޅި ލާމެހިފައިވާ ނިޒާމެއްގެ ތެރެއިން ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެންވެރިކަމާއި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން ފިޔަވައި، ދާ އަޅައިގެން ކުރެވޭ އެންމެހައި ބާވަތް ބާވަތުގެ މަސްވެރިކަން މަނާކޮށް، އެކަމާ ދެކޮޅަށް ހަރުދަނާ، އެކަށޭނަ އުސޫލުތަކެއް އަދާ ހަމައަށް ދަމަހަށްޓަމުންދާ މަދު ޤައުމުތަކުގެތެރޭގައި ދިވެހިރާއްޖެ ހިމެނެނީ މި ސަބަބަށްޓަކާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ސައިންސްގެ އަލީގައި މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލެވި، މިހާރު ކުރުމަށް ރޭވިފައިވާ މަސައްކަތްތަކަކީ އޭގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އިޤުތިޞާދީގޮތުން ކުރިއަށްއޮތް ޖީލުތަކަކަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.

ނޫރާއްޖެ ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ޙިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި، ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިން ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، މިޕްރޮގްރާމުގެ ތެރެއިން ކުރެވޭ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތައާ ހަމައަށް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަޤުޞަދެކެވެ.

ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ