ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އިންޑީޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުން އޮންނާނީ މިއަދު ހަވީރު ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަަމަށާއި، މޯދީއަށް އެ އިއްޒަތް އެރުވުމަށް ރައީސް ނިންމެވީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހަންމިއްޔަތާއި ދީލަތި އެހީތެރިކަމުގެ އަގު ވަޒަން ކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ކުރިން ލިބިވަޑައިގަތް އިއްޒަތްތެރިން:
- 15، މާޗު 1972 - ޑިއުކް އޮފް އެޑިންބަރާ / އާލް މައުންޓްބެޓަން
- 30 އޮކްޓޯބަރު 1984 - ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާން
- 16 ނުވެމްބަރު 1986 - ކޮމަންވެލްތުގެ އޭރުގެ ސެކެޓަރީ ޖެނަރަލް ސާ ޝްރީދަތު ރާމްފާލް
- 2 ޑިސެމްބަރު 2009 ސައުދީ އަރަބިއްޔާގެ ޕްރިންސް އަލް ވަލީދު ބިން ތަލާލް ބިން އަބދުލް އަޒީޒް އަލްސައޫދު
- 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރު މަހްމޫދު އައްބާސް
މޯދީ ރާއްޖެ ވަޑައިގެންނެވުމަށްފަހު، ރަސްމީކޮށް މަރުހަބާ ދެންނެވުން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު 4:00 ގައެވެ. އަދި އެއަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކާއި ޅ. މާފިލާފުށީގައި ގައިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސިސްޓަމް އިފްތިތާހު ކުރައްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެއަށް ފަހު މިރޭ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ އެވެ.