އިންތިޤާލީ އިންޞާފުގެ ޤާނޫނަކީ މާޒީގެ ކަސްތޮޅުން ޤައުމު ނެއްޓެން އެޅުނު ހުރަހެއްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޤައުމު ކުރިއަށްދާނީ މާޒީއިން އިބުރަތް ހޯދައި މަޒީގެ ޞަފްޙާތައް އުކާލައި މާޢާފްކޮށްގެން ކަމަށެވެ. އަދި ޤައުމީ މަޞްލަޙަތު އިސްކޮށް މުސްތަޤުބަލަށްޓަކައި އެކުގައި ޤައުމު އާރާސްތުކުރުމަށް މަސައްކަތްކޮށްގެންކަމަށެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގުކޮށް އެއަށް އަމަލު ކުރަން ފެށުމާއި ގުޅިގެންނެވެ.
އިންތިޤާލީ އިންޞާފުގެ ޤާނޫނަކީ މާޒީގެ ކަސްތޮޅުން
ޤައުމު ނެއްޓެން އެޅުނު ހުރަހެއް.ޤައުމު ކުރިއަށްދާނީ މާޒީއިން އިބުރަތް ހޯދައި މަޒީގެ ޞަފްޙާތައް އުކާލައި މާޢާފްކުރުމާއި ޤައުމީމަޞްލަޙަތު އިސްކޮށް މުސްތަޤުބަލަށްޓަކައި އެކުގައި ޤައުމު އާރާސްތުކުރުމަށް މަސައްކަތްކޮށްގެން— Mohamed Shaheem Ali Saeed (@Mohamedshaheem1) December 18, 2020
އެގޮތުން މި ޤާނޫނުގައި ބުނާ ގޮތުން 1953 ވަނަ އަހަރުން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅޭނެއެވެ.
މިފަދައިން އިންސާފު ހޯދައި ދިނުމަށްޓަކައި މި ބިލް ތަސްދީގު ކުރެއްވުމާއި ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ވަނީ އުފައްދާފައެވެ.
އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.




