އިންތިޤާލީ އަދާލަތުގެ ބިލް ތަސްދީޤު ކުރުމަކީ ކައްވަޅު ކޮނުން ކަހަލަ ކަމެއް ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ އިންތިގާލީ އިންސާފުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފެއްދެވުމާއި ގުލިގެންނެވެ.
އެގޮތުން ޝިޔާމް ވިދާޅުވެފައި ވަނީ މި ސަރުކާރުން މަޖިލީހަށް ފޮނުވި ބިލްތަކުގެ ތެރެއިން%45 ބިލަކީ ޤާނޫނު އަސާސީއާއި ތަޢާރުޒުވާ ބިލްތައްކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫޙު ކަމުގައިވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވެފައި ވަނީ އިންތިޤާލީ އަދާލަތުގެ ބިލް ތަސްދީޤު ކުރުމަކީ ކައްވަޅު ކޮނުންކަހަލަ ކަމެއްކަމަށާއި، އެއީ ފިތުނަ ފަސާދަ އުފެދި އިޖްތިމާޢީ ހަމަނުޖެހުން ގެއްލިދާނެ ބިލެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިޤާލީ އަދަލުގެ ޤާނޫނު ތަސްދީޤު ކޮށްފައި ވަނީ އިއްޔެއެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.
މި ޤާނޫނުގައި ބުނާ ގޮތުން 1953 ވަނަ އަހަރުން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅޭނެއެވެ.
މި ބިލްތަސްދީޤު ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.