ހުޅުމާލެ ކޮވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލާގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ޝިޔާމް ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބަލި މީހުންނަށް އަޅާނުލާކަމަށްވެސް ވިދާޅުވެފައެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލައަކީ ކަންބޮޑުވާކަމެއްކަމަށާއި ފެސިލިޓީގައި ތިބޭއިރު އަޅާނުލާވާހަކަ ފެސިލިޓީގައިތިބޭ ބަލިމީހުން ގުޅާފައި ބުނާކަމަށެވެ.
"އަޅުގަނޑުގެ ރައްޓެއްސެއް މިއަދު އަންހެނުންނަށް ގުޅާފައި ޕެނަޑޯލް ކާޑެއް ފޮނުވާލަދިނުމަށް އެދުނު" ހުޅުމާލެ ފެސިލިޓީގެ ހާލަތު އަންގަ ދިނުމުގެ ގޮތުން ޝިޔާމް ވިދާޅުވެފައިވެއެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލައަކީ ކަންބޮޑުވާކަމެއް. ފެސިލިޓީގައި ތިބޭއިރު އަޅާނުލާވާހަކަ ފެސިލިޓީގައިތިބޭ ބަލިމީހުން ގުޅާފައި އެބަބުނޭ. އަޅުގަނޑުގެ ރައްޓެއްސެއް މިއަދު އަންހެނުންނަށް ގުޅާފައި ޕެނަޑޯލް ކާޑެއް ފޮނުވާލަދިނުމަށް އެދުނު ????@HPA_MV
— Ahmed Shiyam (@Shiyamaldives) May 23, 2021
ޝިޔާމް މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު، ކޮވިޑް-19 ރާއްޖެއިން މި ފަހުން ނިޔާވާ ގިނަ މީހުން ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީ އިންނެވެ.
އެޗްއީއޯސީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާލުވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިޓިލިޓީގައި ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް ލިބެންޖެހޭ ފަރުވާއެއް ނުލިބިގެން އެއްވެސް މީހަކު ނިޔާނުވާކަމަށެވެ.
ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހުންގެ އަދަދު ބަލި މީހުންނާ އަޅާބަލާއިރު މަދުކަމުގައި އެޗްއީއޯސީން ފާހަގަ ކުރިނަމަވެސް އެފަރާތުން ވިދާޅުވެފައި ވަނީ ނަރުހުން ބަހާލާފައި ވަނީ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ގޮތްތައް ބަލައިގެން އެންމެ ހާލަތު ގޯސް ބަޔަށް ގިނަ މީހުން ލައިގެން ކަމަށެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީއަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނަ ފެސިލިޓީއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 294 އަށް އަރާފައެވެ.
މި ބަލީގައި މިހާތަނަށް 126 މީހަކު ނިޔާވެފައި ވާއިރު، އެކްޓިވް ކޭސްގެ އަދަދު ވަނީ 22،421 އަށް ވުރެ މައްޗަށް އަރާފައެވެ.




