މި ސަރުކާރަށް ހުޅުމާލޭގައި ކުރެވުނު ކަމަކީ އިންޑިއާގެ އެހީގައި މާގަސްކޮޅެއް ޖަހާލުންކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޝިޔާމް މި ސަރުކާރަށް ފާޑު ވިދާޅުވެފައި މިވަނީ ރައީސް ޔާމިންގެ ސަރުކާރުގައި ތައްޔާރު ކުރި ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް އެމެރިކާގެ ޝަރަފްވެރި އެވޯޑެއް ލިބުމާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރާއި ބައި ވެގެން ދިޔައިރު ހުޅުމާލޭގައި ކުރެވުނު ކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ސެންޓްރަލް ޕާކް ތެރޭގައި މާގަސްކޮޅެއް ޖަހާލުންކަމަށެވެ. ނަމަވެސް އެއާއި ޚިލާފަށް ރައީސް ޔާމިން އަކީ ވިޝަނަރީ ލީޑަރެއްކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އޭއެމްޕީން ކޮންމެ އަހަރަކު ދޭ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން އެޗްޑީސީއަށް ވަނީ ލޭންޑްސްކޭޕް އާކިޓެކްޗާ އާބަން ޕްލޭނިންގެ އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭންއަށް ލިބިފައެވެ.
މީގެ އިތުރުން އެފަރާތުން ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންއަކީ ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެކަމަށްވެސް ވިދާޅުވެފައެވެ.
ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާޢީގޮތުންނާއި އުމްރާނީގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓަރ ޕްލޭންއެއްގެ ދަށުން ތަރައްޤީކުރަމުން އަންނަ ރަށެކެވެ.
މި ސަރުކާރުން ހުޅުމާލޭގައި ތަރަށްޤީގެ ޕްރޮޖެކްޓްތައް ހިންގަމުން ނުދާކަމަށް ޝިޔާމް ވިދާޅުވި އިރު، ދާދި ފަހުން ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައިވެސް މާލެ ސިޓީން، ހުޅުމާލެ ހިމެނޭ ގޮތަށް އެމްޑީޕީއަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައެވެ.



