ހއ. ކެލާ އިން ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކެލާގެ ކައުންސިލް ރައީސް އާދަމް ޣުފްރާން ވިދާޅުވީ، އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނެގުނު ސާންޕަލްތަކުގެ ތެރެއިން ދެ މީހެއްގެ ސާންޕަލް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މައުލުމާތު ލިބޭގޮތުން ޕޮޒިޓިވްވެފައި ވަނީ ފިރިހެނަކާއި، ކުޑަކުއްޖެއް ކަމަށެވެ.
ކެލާއިން ކޮވިޑް-19ގެ ދެ ކޭސް ފެނިފައިވާއިރު، ހދ. ވައިކަރަދޫއިން ވެސް ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްއެއް ވަނީ ފެނިއްފައެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ފެށުމަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖެއްކަމަށެވެ. އަދި 4 ނުވަތަ 5 އަހަރުގެ މިކުޑަ ކުއްޖާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނު ފުރިހަމަކޮށް ހެދި ޓެސްޓުން ރޭގެ ވަގުތެއްގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ، މިކުޑަ ކުއްޖާ ކަރަންޓީނުގައި ތިބީ އާޢިލާގެ އިތުރު މެންބަރުންނާއެކު އެކުކަމަށާއި، ޕޮޒިޓިވް ނަތީޖާއާއެކު އެމީހުން މިހާރު ވަކިން ކަރަންޓީނު ކުރެވިފައިވާކަމަށެވެ. ޕޮޒިޓިވްވީ ކުއްޖާ ހިމެނޭ ޢާއިލާގައި އިތުރު ކުޑަކުއްޖަކުވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ.
"މާތް ﷲ ގެ އިރާދަފުޅާއެކު ޕޮޒިޓިވް ކުއްޖާގެ ހާލު ރަނގަޅު." ނަސީމް ވިދާޅުވިއެވެ.
އަދި މިއީ ވައިކަރަދޫން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކޭސްކަމަށްވެސް ނަސީމް ވިދާޅުވިއެވެ.




