ގުދުރަތީގޮތުން ހިތްގައިމުކަމަށް މަޝްހޫރު ހއ. ކެލާ ފަޅުތެރޭ ރިސޯޓެއް ހަދައި ފަތުރުވެރިކަމުގެ ނަފާ އެރަށުގެ ރައްޔިތުންނަށް ހޯއްދަވައިދެއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު ކެލާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅަުދައްކަވަމުން މުއިއްޒު ވިދާޅުވީ، އެރަށަކީ އިޤްތިޞާދީގޮތުން އެކިކަހަލަ ފުރުޞަތުތައް ފަހިވެފައިވާ ރަށަކަށް ބަދަލުކުރުމަކީ އިރާދަކުރެއްވިއްޔާ ޔަޤީންކަމާއެކީގައި ހާސިލުކޮށްދޭނެ ކަމެއް ކަމަށެވެ.
"ޙާއްޞަގޮތެއްގައި ޓޫރިޒަމްގެ ދާއިރާއިން، މިރަށުގެ ފަޅުތެރޭގައި ޓޫރިޒަމަށް ފުރުޞަތުތައް ހުޅުވާލައި، މިދެންނެވީ ފަޅުގައި ރިސޯޓް ތަރައްޤީކޮށްދީ، އަދި މިރަށުގެ ބިމުގައިވެސް އެކިގޮތްގޮތުން ޓޫރިޒަމްގެ ގޮތުން ކުރިއަށްދެވޭނެ މަގުތައް ފަހިކޮށްދެވިގެންދާނެ. އަދި އޭގެ އިތުރަށް ދެންމެގައި ފާހަގަކުރެވިގެން އެދިޔައީ މިހާރުވެސް އެބައޮތްކަމަށްވަނީ ޓޫރިޒަމަށް ބިމެއް ދީފައި. އެހެންނަމަވެސް އެ ބިމަކުން ރަށަކަށް ފައިދާއެއް ނުކުރޭ. އެއީކީ އެއްވެސް ހާލެއްގައި ޤާނޫނީ ގޮތުން ބެލިޔަސް އެކަން އޮންނަންޖެހޭނެ ގޮތެއް ނޫން. ޤާނޫނާއި ޚިލާފަށް އެ ވިދާޅުވިގޮތުން ވިއްޔާ އެކަން އެއޮތީ. އެހެންވީމާ މިރަށުގެ ފަޅުތެރޭގައި ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ހިންގުމުގެ އިތުރުން މިރަށުން ރިސޯޓް ހެދުމަށްޓަކައި ދީފައިވާ ބިމުން މިރަށަށް އެ ބިމުން އެ ލިބޭ އާމްދަނީން ފައިދާވާގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެރަށަކީ ދަނޑުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތައް އުޅޭ ރަށެއްނަމަވެސް ދަނޑުވެރިކަން ކުރާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެވިފައި ނެތްކަމަށެވެ. ދަނޑުވެރިކަން އިތުރަށް ތަރައްޤީކުރުމަށްޓަކައި ދަނޑުބިމަށް ކަރަންޓު ފޯރުކޮށްދީ، ދަނޑުވެރިން ބޭނުންވާ އެކިއެކި ކަންކަން ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ވަރަށް އިސްކަންދީގެން ކުރައްވާނެ ކަމަށެވެ.
"ހަމައެއާއެކީގައި އިތުރު ސިނާއަތްތައް ގެނައުމުގެ މަސައްކަތް ކުރެވޭނެ. ބަނދަރާއި ގުޅިގެން ހަތަރުވަރަކަށް ހެކްޓަރުގެ ބިން އިތުރުކުރެވެން އެބައޮތް. އެހެންވީމާ އެގޮތަށް އުފެއްދޭ ބިމުގައި މަސްވެރިކަމުގެ ސިނާއަތު ތައާރަފްކުރުމަށްޓަކައި އަޅުގަނޑާއި ތިބޭފުޅުންގެ ވިސްނުމުގައި އެބައޮތް. އެހެންވީމާ އެކަމަކީވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިރަށަށް މުސްތަޤްބަލަށް ބަލާއިރު ވިސްނަންވީ ކަމެއް. އެކަމުގައި ތިބޭފުޅުންވެސް ތި ވިސްނުން ހުރިގޮތަށް އަޅުގަނޑުގެ ވިސްނުން ހުރިވާހަކަ ދަންނަވަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެ ހުރިހާކަމެއް ވުމުން ރައްޔިތުން ފުދުންތެރިވެ، ރައްޔިތުންގެ ޖީބަށް އިރާދަކުރެއްވިއްޔާ ފައިސާ ވަންނާނެ ކަމަށާއި، އޭރުން އާއިލާތައް އުފަލާއެކީގައި އުޅޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
"މިއީ ހުރިހާ ރައްޔިތުން ހުރިހާ ރަށެއްގައިވެސް ދެކެން ބޭނުންވާ ދުވަސް، ވާން ބޭނުންވާ ކަންތައް. އެގޮތަށް އެކަން ވުމުގެ ސަބަބުން އިރާދަކުރެއްވިއްޔާ ރާއްޖެ ކުރިއަރައިގެންދާނީ. ހަމައެކަނި ތަރައްޤީގެ މަޝްރޫއެއް ހިންގުމަކުންނެއް ތަރައްޤީއެއްނުވޭ. އެ މަޝްރޫއުތައްވެސް ހިންގަންވާނީ ތަރައްޤީ ހާސިލުވާގޮތަށް. އެ މަޝްރޫއުތައްވެސް ވާންޖެހޭނީ އެ މަޝްރޫއުތަކުން ރައްޔިތުންނަށް ފަސޭހަކަން، ކުރިއެރުން ލިބޭ މަޝްރޫއުތަކަށް." މުއިއްޒު ވިދާޅުވިއެވެ.