އަނިޔާވެރިކަން ނިންމައި ބަދަލުހިފުމުގެ ރޫހު ދޫކޮށްލައްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު ކެލާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅަުދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ޤައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމަށާއި، ޤައުމުގައި ހަމަޖެހުން ޤާއިމުވާނީ ވިސްނުން ތަރައްޤީވެ، އެކަކު އަނެކަކަށް އިހްތިރާމްކުރާ، އަޅާލާ ބަޔަކަށް ވެގެންކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމެއްކުރަން އަންނަނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން، ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަބައެއް. އެ ރައްޔިތެއް ނިސްބަތްވާ ޕާޓީއެއްގެ ސަބަބުން އަޅުގަނޑުމެންގެ ވެރިކަމެއްގައި ތަފާތެއް ނުކުރާނަން. ހުރިހާ ރައްޔިތުން ހަމަހަމަވާނެ. ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރާނީ އުފަލާއެކީގައި ހިތްހަމަޖެހުމާއެކީގައި، އިޚްލާސްތެރިކަމާއެކީގައި." މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށާއި، އަޑުއަހަންކެރޭނެ ކަމަށް އަދި އަޑުއަހާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އަޑުއަހާ އެކަންކަމަށް ދޭންޖެހޭ ސަމާލުކަންދީ ކޮށްދޭންޖެހޭ ކަންކަމުގައި ތަފާތުކުރުމެއްނެތި އެކަންކަން އިރާދަކުރެއްވިއްޔާ ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިޤައުމަށް ހަމަޖެހުން އަންނަންޖެހޭ. އަޅުގަނޑުމެންނަކީ ބަދަލުހިފުމުގެ ރޫޙް ދޫކޮށްލާ ބަޔަކަށް ވާންޖެހޭ. އެހެންނަމަވެސް އިންސާފާއި ޢަދާލަތު، ޢަދުލުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ. ޢަދުލުވެރިކަމާއި، އިންސާފާ އެކީގައި އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ޤާއިމުވެގެންދާނީ. އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭ. އެހެންވީމާ އެބީދައިން އިރާދަކުރެއްވިއްޔާ ޤާއިމުވެގެންދާ ސަރުކާރެއް ތި ލޮބުވެތި ރައްޔިތުންގެ އިތުބާރާ އެކީގައި ޤާއިމުވެގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ، ދިވެހީންނަކީ ތަރައްޤީއާއި ތަމައްދުނަށް ލޯބިކުރާ ބައެއްކަމަށާއި، ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ރައްޔިތުން އަތުކުރި އޮޅާލަންވީ ވަގުތު އައިސްފައިވާ ކަމަށެވެ.
"ޤައުމުގެ މިނިވަންކަން ސަލާމަތްކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. ޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށްޖެހުން އޮތީ އަޅުގަނޑުމެން ނިންމާ ނިންމުމެއްގެ މަތީގައި. އެހެންވީމާ މިކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ސަމާލުކަންދޭނެ ކަމެއް. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަޤުބަލު އުޖާލާވުމާއި، ބަނަވުން ބިނާވެގެންވަނީ." ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވުމަށްއެދި ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.