ސުނޯގެ ސަބަބުން ޖަޕާނުގެ ހައިވޭއެއްގައި 1،000 ކާރު ތާށިވެފައި

ޖަޕާނަށް މިހާރު ވެހެމުންދާ ބޯ ސުނޯގެ ސަބަބުން ދެދުވަސްވާންދެން ޖަޕާނުގެ ހައިވޭއެއްގައި ތާށިވެފައިވާ 1،000 ވުރެ ގިނަ ކާރު ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ ޖަޕާނުގެ އުތުރުން ޓޯކިޔޯ ސިޓީއާއި ނީގަތާ ސިޓީއާއި ގުޅުވައިދޭ ކަނެޓްސު އެކްސްޕުރެސްވޭގައެވެ. ޖަޕާން ސަރުކާރުން މިހާރުވަނީ ޑުރައިވަރުންނަށް ކާބޯތަކެއްޗާއި، ތެލާއި، އަދި ރަޖާފަދަ ތަކެތި ފޯރުކޮށްދީފައެވެ.

ބުދަދުވަހު ޖަޕާނަށް ބޯކޮށް ސުނޯވެހެން ފަށައިފައިވާއިރު ސުނޯގެ ސަބަބުން ޖަޕާނުގައި ތަފާތު ގިނަ މަގުމަތީ އެކްސިޑެންޓުތައްވެސް އައްނަނީ ހިނގަމުންނެވެ. ސުނޯގެ ސަބަބުން ޖަޕާނުގެ ހުޅަނގު އުތުރުގެ 10،000 ވުރެ ގިނަ ގެއިންވަނީ ކަރަންޓުގެ ހިދުމަތްވެސް ކެނޑިގެން ގޮސްފައެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކަނެޓްސު އެކްސްޕުރެސްވޭގައި 1،000 ވުރެ ގިނަ ވެހިކަލް ތާށިވެފައިވަނީ ބުދަ ދުވަހުގެރޭ ކަނެޓްސު އެކްސްޕުރެސްވޭގައި ޓުރައިލާއެއް ތާށިވެ ކުރިއަށް ނުދިއުމުގެ ސަބަބުންނެވެ. ފުލުހުންނާއި ހަވާލާދީ ޖަޕާނުގެ މީޑިއާތަކުން އިތުރަށް ބުނެފައިވަނީ ޓުރެފިކް ޖޭމް 16.5 ކިލޯމީޓަރުގެ ދިގުމިނަށް ގޮސްފައިވާ ކަމަށެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ބަރު މެޝިނަރީއާއި، މަސައްކަތްތެރިން ބޭނުން ކޮށްގެން ސުނޯގެ ސަބަބުން ކުރިއަށް ނުދެވިފައިވާ ވެހިކަލްތައް ސުނޯތައް ކަހައި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ