ކޮވިޑް ޖެހިގެން ލަންކާގަ މަރުވާ މުސްލިމުން ރާއްޖެ ނުގެންނަން ނިންމައިފި

ނުރައްކާތެރި ކޮވިޑް 19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ރާއްޖެއަށް ނުގެންނަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ލަންކާ ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވިދާޅުވީ، ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެއަށް ފޮނުވަން ގެންގުޅުނު ވިސްނުން ދޫކޮށްލާފައިވާ ކަމަށެވެ.

ރާއްޖެއަށް ކޮވިޑް ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންގެ ހަށިތައް ގެނައުމުގެ ބަދަލުގައި، އެ ހަަށިތައް ކޮންކްރީޓް ވަޅުތަކުގައި ވަޅުލުމަށް ލަންކާގެ ސަރުކާރުން ވަނީ ނިންމާފައެވެ. ލަންކާގެ މުސްލިމް އިލްމުވެރިންގެ ލަފަޔާ އިރުޝާދާއެކު، މި ހަފްތާގެ ތެރޭގައި ލަންކާ ސަރުކާރުން ސަންދޯކުގެ ޑިޒައިން ފައިނަލްކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން އެ ގައުމުގެ ސަރުކާރުން ވަނީ މީގެ ކުރިން ނިންމައިފައެވެ. ލަންކާ ސަރުކާރުގެ އެ ނިންމުމަށް އެގައުމުގައި ދިރިއުޅެމުންދާ މުސްލިމުންނާއި އަދި ގިނަ އިލްމުވެރިންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ