އިދިކޮޅުގެ ޖަލްސާގައި ވީހާވެސް ގިނަ މީހުން ބައިވެރިވުން މުޙިންމު: ޝަހީމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ވީހާވެސް ގިނަ މީހުން ބައިވެރިވުން މުޙިންމު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.

"ވިސްނާ" ނަމުގައި 26 ޑިސެންބަރު 2020 ވާ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންއަށާއި ސަރުކާރުން ހަދާފައިވާ ގޯސްތައް ހާމަކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެކެވެ.

ޝަޙީމް ވިދާޅުވެފައި ވަނީ ޕީޕީއެމް / ޕީއެންސީ ގެ ޖަލްސާ އަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުން ވަރަށް މުޙިންމުކަމަށާއި، އަދި ޤައުމުގެ ކަންކަން ޙައްލު ކުރެވޭނީ އެންމެން ގުޅިގެން އެކުވެރިވެ އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ޤައުމީ ރޫޙުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ޝަޙީމް އިތުރަށް ވިދާޅުވެފައި ވަނީ ކައުންސިލް އިންތިޚާބު ޕީޕީއެމްއިން ކާމިޔާބު ކުރާނެކަމަށެވެ.

މި ޖަލްސާއާއި ގުޅޭ ގޮތުން ވާހާކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވެފައި ވަނީ މި ޖަލްސާ ބޭއްވުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު ސިޓީ ފޮނުވާފައިވާކަމަށެވެ.

ޝުޖާޢު އިތުރަށް ވިދާޅުވެފައި ވަނީ މި ޖަލްސާގައި ވަރަށް ސަޕްރައިޒިން ކަންތައްތަކެއް ފެނުމުގެ ފުރުޞަތު އޮތްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ