ވިލާތުގެ އިއްތިހާދުގެ މެޑިސިން ރެގިއުލޭޓާއިން އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން މެންބަރު ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.
ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ) އިން ފައިޒާ ވެކްސިން މެންބަރު ގައުމުތަކުގައި ބޭނުންކުރުމުގެ ހުއްދަ ދީފައި މިވަނީ، އިނގިރޭސިވިލާތާއި އެމެރިކާގައި މި ވެކްސިން ޖަހަންފަށައިފައި ވަނިކޮށެވެ.
ބެލެވޭ ގޮތުގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިންކަން ޔޫރަޕިއަން ކޮމިޝަނުން މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އިއުލާން ކުރާނެއެވެ.
ކޮވިޑް-19 ޖެހިގެން ވިލާތުގެ ގައުމުތަކުންވަނީ 311،000 ވުރެ ގިނަ މީހުން މަރުވެފައެވެ. މިބަލި ޖެހޭމީހުން ކުރިސްމަހާއި އަދި އާއަހަރުގެ ބަންދުދުވަސްތަކާއި ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭތީވެ ވިލާތުގެ ބަޔެއް ގައުމުތަކުން މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.
އިނގިރޭސިވިލާތުން މި ފަހުން ފެނުނު ކޮވިޑް-19ގެ އާ ސްޓްރެއިންއާއި ގުޅިގެން ވިލާތުގެ ގިނަ ގައުމުތަކަކުން މިހާރުވަނީ އިނގިރޭސިވިލާތައް ދަތުރުކުރުން މެދުކަނޑާލައިފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.




