އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ އާ ސްޓްރެއިންއާއި ގުޅިގެން އިނގިރޭސިވިލާތައް ކުރާ ދަތުރުތަކާއި އަދި އިނގިރޭސިވިލާތުން އިންޑިއާއަށް ކުރާ ދަތުރުތައް އިންޑިއާއިން މެދުކަނޑާލައިފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ބުނީ އިނގިރޭސިވިލާތައް ކުރާ ދަތުރުތަކާއި އަދި އިނގިރޭސިވިލާތުން އިންޑިއާއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ އާ ސްޓްރެއިންއާއި ގުޅިގެން އެގައުމުންވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުން އިނގޭ ގޮތުގައި މި އާ ސްޓްރެއިންގެ ސަބަބުން ކޮވިޑް-19 ގައިންގަޔަށް އެރުމުގެ ފުރުސަތު 70 އިންސައްތަ އިތުރު ކޮށްދެއެވެ.
އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި ގޮތުގައި އެގައުމުން ފެނުނު ކޮވިޑްގެ އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އެއާ ދެކޮޅަށް ވެކްސިން މަސައްކަތް ނުކުރާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.
އިންޑިއާއަކީ އެމެރިކާއަށްފަހު ކޮވިޑް-19ގެ ކޭސްލޯޑް އެންމެ ބޮޑު ގައުމެވެ. މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް 10 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވުވެފައެވެ.