ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމުގައި އަދި ރާއްޖެއިން ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ ފައިސާގެ މިންވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނެސްފިއެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭ އިން ހަދާފައިވާ ގަވާއިދު ކުރިން އޮންނަ ގޮތުން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ ތެރެއިން ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނީ 30،000 ޑޮޮލަރު ނުވަތަ އެއަށް ވުރެ މަތީގެ އަދަދުތަކެވެ.
ނަމަވެސް މިދިޔަ އަހަރު އެ ގަވާއިދު އިސްލާހުކޮށް، އެ އަދަދު ވަނީ 20،000 ޑޮލަރަށް ދައްކޮށްފައެވެ.
އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި، ރިޕޯޓްކުރަންޖެހޭ މިންވަރު 10،000 ޑޮލަރަށް ވަނީ ދަށްކޮށްފަ އެވެ. އެހެންވެ، އެ އަދަދު ނުވަތަ އެއަށް ވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ އެތެރެކުރާ ނަމަ ނުވަތަ ބޭރުކުރާ ނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ އެވެ. ދިވެހި ރުފިޔާ އިން ނުވަތަ ބޭރުގެ އެހެން ފައިސާއަކުން ވެސް ވިޔަސް، އެ އަދަދު ނުވަތަ އެއަށް ވުރެ މަތީ އަދަދެއް ނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ އެވެ.
އެ ގަވާއިދަށް އަމަލުކުރަން ފަށާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.



