ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމުން، ރާއްޖޭގެ އިޤްތިޞާދަށް އިތުރުވި ފައިސާގެ ތެރެއިން 2.1 ބިލިޔަން ރުފިޔާ ނަގާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކޮށް، އެ ފައިސާ ތިން ފަހަރެއްގެ މަތިން ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކޮށްފައިވެއެވެ. މީގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވަމުން ދިޔަ ދިވެހި ރުފިޔާގެ މިންވަރު %178 އަށް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، އެމްއެމްއޭއިން ވަނީ މިދިޔަ ޖުލައި 23 ގައި އޯޕަން މާކެޓް އޮޕަރޭޝަން ފަށައި، ޗާޕުކޮށްފައިވާ ފައިސާ އިޤްތިޞާދުން ނެގުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 2.1 ބިލިއަން ރުފިޔާ ވަނީ އިޤްތިޞާދުން ނަގާފައެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖޫން މަހު ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވި ދިވެހި ރުފިޔާގެ އެވްރެޖް އަދަދަކީ 7 ބިލިއަން ރުފިޔާއެވެ. މިއީ، އަހަރުން އަހަރަށް ބަލާއިރު %2 އިތުރު އަދަދެކެވެ.
އެމްއެމްއޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބޭންކުތަކުން ދޫކުރާ ދިވެހި ރުފިޔާގެ ލޯނުތައް އިތުރުވެފައިވީ ނަމަވެސް، ބޭރު ފައިސާއިން ދޫކުރާ ލޯނުތައް ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން އިޤްތިޞާދުގައި ދިވެހި ރުފިޔާ އިތުރުވެ، ބޭރު ފައިސާ މަދުވުމުން، ދިވެހި ރުފިޔާގެ އަގަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.