ބޭރު ފައިސާގެ ޤާނޫނު ތަންފިޒުކުރަން ފެށުމުން ލޯނު ދެއްކުމަށް ކުރި ހޭދަ %60އަށް އިތުރުވެއްޖެ

ބޭރުފައިސާގެ ޤާނޫނު ތަންފީޒުވުމާއެކު ރަސްމީ ރިޒާވުން ލޯނު ދެއްކުމަށް ކުރި ޚަރަދު މިދިޔަ އަހަރާއި އަޅާބަލާއިރު 60 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ކޯވިޑް-19 އަށްފަހު، ފަތުރުވެރިކަމުގެ ސިނާޢަތް މަޑުޖެހި ބޭރުފައިސާގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރި ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަން ކުރިއަރައި އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިކަމުން ރިޒާވަށް ހެޔޮ ބަދަލެއް ނައިސް، ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު ނުވަތަ ޑޮލަރުގެ އަގު އުފުލިގެން ދިޔަކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން ތެލަށް ކުރާ ޚަރަދު އިތުރުވެފައިވެއެވެ. އަދި ބޭރުފައިސާ ވިއްކުމުގެ ސިޔާސަތުގެ ދަށުން ބޭރު ފައިސާ ވިއްކި ނިސްބަތް 2022 ވަނަ އަހަރު 33 އިންސައްތައިގައި ހުރިއިރު، މިދިޔަ އަހަރު އެ އަދަދު 49 އިންސައްތައަށް އަރާފައިވެއެވެ.

ރަސްމީ ރިޒާވް 2021 ވަނަ އަހަރުން ފެށިގެން ދަށްވަމުން އައިސް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 371.2 މިލިއަން ޑޮލަރަށް ވެއްޓުނު ނަމަވެސް، އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ ޖޫން މަހު ރިޒާވް 832.4 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ.

ރިޒާވް އިތުރުވުމަށް މައިގަނޑު ގޮތެއްގައި މަގުފަހިވެފައިވަނީ ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވުމާއި، ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުމާއި، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕްގެ ސަބަބުންނެވެ. މި ކުރިއެރުމާއެކު ބޭރުގެ ރޭޓިން އެޖެންސީތަކުން އެންމެ ފަހުން ރާއްޖެއަށް ދިން ކްރެޑިޓް ރޭޓިންގވެސް ވަނީ ބަދަލެއް ނުގެނެސް ދަމަހައްޓާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ