އިތިއޯޕިއާގެ ހުޅަނގުގެ ވިލެޖެއްގައި ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތަކެއްގައި 100 އަށްވުރެ ގިނަ މީހުން މަރާލައިފައިވާ ކަމަށް އެގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
ހަމަލާދިން ވިލެޖުގެ ކުލިނިކެއްގައި މަސައްކަތްކުރާ ނަރުހަކާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، އެ ކުލިނިކަށްވެސް 30 ވުރެ ގިނަ މީހުން ގެނެސްފައިވާ ކަމަށާއި ގެނަ ބަޔެއް މީހުންގެ ހާލު ވަރަށް ގޯސް ކަމަށެވެ. އަދި މި ގެނަ ބަޔެއް މީހުންނަށް ބަޑިން ހަމަލާދީފައި ވާއިރު ބަޔެއް މީހުންނަށް ތޫނު އެއްޗެހިންވެސް ހަމަލާ ދީފައިވާ ކަމަށެވެ.
އިއްޔެ މި ހަމަލާ ދިން އިރު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުވަނީ ހަމަލާދިން ސަރަހައްދަށް މީގެ އެއްދުވަސްކުރިން ޒިޔާރަތް ކޮށްފައެވެ. ހަމަލާ ދިން ސަރަހައްދަކީ އެތައް ބައިވަރު ނަސްލުތަކުގެ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ބޮޑުވަޒީރު އަބީ އަހުމަދު ހަމަލާދިން ދުވަހުގެ ކުރީ ދުވަހު އެސަރަހައްދަށް ޒިޔާރަތްކޮށފައިވަނީ ފާއިތުވެދިޔަ މަސްތަކުގައި އެސަރަހައްދުގައި ދީފައިވާ އެކިއެކި ހަމަލާތަކާއި ގުޅިގެން އެސަރަހައްދުގެ އާމުންނާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށެވެ. ބޮޑުވަޒީރުގެ ވާހަކައިގައި ބުނެފައިވަނީ، އިތިއޯޕިއާގެ ދުޝްމަނުން އެގައުމު ބައިބައިކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެމަސައްކަތް ކާމިޔާބުވިޔ ދީގެން ނުވާނެ ކަމަށެވެ.
އިއްޔެގެ ހަމަލާދިން ސަރަހައްދުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަދާއި ހަމައަށް މިފަދަ ހަތަރު ހަމަލާ ދީފައި ވެއެވެ.



