ފޯން ރިންގުވުމުގެ ސަބަބުން އިތިއޯޕިއާ ސިފައިން މީހަކު މަރާލި: އެމްނެސްޓީ

އާންމު ބައްދަލުވުމެއްގައި ހުރި މީހެއްގެ ފޯން ރިންގުވުމުގެ ސަބަބުން އެ މީހާ އިތިއޯޕިއާ ސިފައިން މަރާލައިފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އިން މިކަން ހާމަކޮށްފައިވަނީ އިތިއޯޕިއާގެ އޮރޯމިއާ ރީޖަނަލް ސުޓޭޓުގައި 2018 ވަނަ އަހަރުގެ ފަހުކޮޅާއި އަދި 2019 ވަނަ އަހަރު އިތިއޯޕިއާގެ އަސްކަރިއްޔާއިން އިންސާނިއްޔަތާއި ހިލާފަށް ހިނގާފައިވާ ކަންކަން ހާމަކުރުމަށް ނެރުނު ރިޕޯޓެއްގައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފޯން ރިންގުވުމުގެ ސަބަބުން މަރާލައިފައިވާ މީހަކީ އުމުރުން 32 އަހަރުގެ ފިރެހެނެކެވެ. މިހާދިސާ ހިނގައިފައިވަނީ، އޮރޯމޯ ލިބަރޭޝަން އާރމީ (އޯއެލްއޯ) އާއި ދެކޮޅަށް އަސްކަރިއްޔާއިން ކުރިއަށް ގެންދިއަ އޮޕަރޭޝަނެއްގައި ކަމަށް ވެއެވެ.

މިގޮތުން،  އޮރޯމިއާ ރީޖަނަލް ސުޓޭޓަށް އަސްކަރިއްޔާއިން ގޮސް އެސަރަހައްދުގެ އާމުންގެ ބައްދަލުވުމަކަށް ގޮވައި އެތަނަށް ހާޟިރުވީ ފަރާތްތަކުގެ ފޯނުތައް ނަގައިފައި ވެއެވެ. އަދި މި ފޯނުތައް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނަފަހުން ފޯނެއް ރިންގުވުމުން އެ ފޯނުގެ ވެރިފަރާތް ހޯދައި އެއްވި އެންމެންގެ ކުރިމަތީގައި އެ ފޯނުގެ ވެރިފަރާތަށް ބަޑިން ހަމަލާތީ މަރާލައިފައިވާކަމަށް މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިހާދިސާ ނޫންވެސް އެތައް މިފަދަ މީހުން މެރުމުގެ ހާދިސާތައް އަސްކަރިއްޔާއިން އިސްވެހުރެ އޮރޯމިއާ ރީޖަންގެ މީހުންނާއި ދެކޮޅަށް ހިނގައިފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިހާދިސާތައް ހިނގި 2019 ވަނަ އަހަރު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު އަލީއަށްވަނީ ދުނިޔޭގެ ސުލްހަޔަށް މަސައްކަތްކުރައްވާ ކަމުގެ ނޯބެލް ޕީސް ޕުރައިޒް ލިބިވަޑައިގެންފައިކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ