ހަތިޔާރުއެޅި ހަނގުރާމަވެރި ފަރާތްތަކުން ހުޅަނގު އިތިއޯޕިއާގައި 15 މީހުން މަރާލައިފައިވާކަމަށް އެގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ، މިފަހަކަށް އައިސް ހުޅަނގު އިތިއޯޕިއާގެ އާމުންނާއި ދެކޮޅަށްދޭ މިފަދަ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި މިގޮތުން އިއްޔެދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭ ހަތަރު އަންހެނުންވެސް ހިމެނޭ ކަމަށެވެ.
މިމަހުގެ ކުރީކޮޅު ހިނގި މިފަދަ ދެހާދިސާއެއްގައިވެސް ގިނަ އަދަދެއްގެ އާންމުން މަރުވެފައި ވެއެވެ. އަދި މަދުވެގެން 300 މީހުން ރައްކާތެރި އެހެން ހިސާބުތަކަށް ހިޖުރަ ކޮށްފައި ވެއެވެ.
އިތިއޯޕިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކޮމިޝަނުގެ އެންމެ އިސްވެރިޔާ ޑެނިއަލް ބެކެލެ މިއަދު ބުނެފައިވަނީ، ހުޅަނގު ސޫދާނުގެ ސަރަހައްދުތަކުގައި ގާނޫނުގެ ބާރު ހިނގަން ޖެހިފައިވާ ކަމަށާއި އަދި އާންމު ރައްޔިތުންނާއި ދެކޮޅަށް އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެއްނަން ޖެހޭ ކަމަށެވެ.
އިއްޔެ ހުޅަނގު ސޫދާނުގައި ހިނގި ހަމަނުޖެހުންތައް ކޮންޓުރޯލް ކުރެވިފައިވަނީ ސަރުކާރުގެ ސިފައިން ހަނގުރާމަވެރިންނާއި ކުރިމަތިލާ އެމީހުން އެސަރަހައްދުން ވިއްސިވިހާލި ކޮއްލެވުމުންނެވެ.




