ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ މައްސަލައިގައި ދައުވާ ކޮށްގެން ނުވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޝިޔާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވައިފައިވަނީ، ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އަކާއި ގުޅިގެންނެވެ.
މިމައްސަލައިގައި އުމަރު ނަސީރު ވިދާޅުވީ، މިއީ ޖެނެރަލް ޝިޔާމް ގެ މައްޗަށް ކުރައްވައިގެން ނުވާނެ ދަޢުވާއެއް ކަމަށެވެ. އަދި ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުންގެ ޢާއިލާ ތަކަށް ސިފައިންގޭގެ މިފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮންނަ ކަމަށެވެ.
"ސިފައިންގެ ޚިދުމަތަކީ ދައުލަތުގެ އެހެނިހެން ޚިދުމަތް ތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ޚިދުމަތެއް މިއީ މުޅި ދުނިޔޭގައިވެސް މިކަން އޮންނަ އުސޫލު" އުމަރު ނަސީރު ވިދާޅުވިއެވެ.
މިފަދަ ކުދިކުދި މައްސަލަތައް ނިންމަވަން ޖެހޭނެ ގޮތެއް ކަމުގައި އުމަރު ނަސީރު މިސާލު ގެއްނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެމަނިކުފާނުއަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖްލިސްގެ ބަޖެޓުން އަމިއްލަ ޚަރަދެއް ހަމަ ޖެއްސެވި ކަމަށް އޭ،ސީ،ސީ އަށް ހުށަހެޅުނު މައްސަލަ ނިންމި ގޮތެވެ.
މިމައްސަލަ އޭސީސީ އިން ނިންމައިފައިވަނި ދަޢުވާއެއް ކުރުމެއް ނެތި އެ ފައިސާ އަބުރާ ދެއްކުމަށް އަންގަވައިގެން ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. މިއީ މިފަދަކަންކަން ނިންމަވަން ޖެހޭނެ ގޮތްކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އޭސީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، އެ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ، ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އޭސީސީން މީގެ ކުރިން ނިންމާފައި ވަނިކޮށް، އެ ނިންމުން އަލުން މުރާޖައާކުރަން ނިންމާފައިވަނީ މިދިއަ އޯގަސްޓް މަހުގެ ތެރޭގައި އެވެ.