މަސްވެރިކަމުގައި ދިމާވެފައިވާ އެކިކަހަލަ އުނދަގޫތަކާއި ދަތިތަކަށް ހައްލެއް ނުލިބުމާއި ގުޅިގެން ހއ. އިހަވަންދޫގެ މަސްވެރިން އިޙްތިޖާޖަށް ނިކުމެއްޖެއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އެ ރަށުގެ މަސްވެރިން އިސްވެ ބޭއްވި މި އިޙްތިޖާޖުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި އިޙްތިޖާޖުގައި ވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝުޢޫރުތައް ހާމަކޮށްފައެވެ.
އެގޮތުން މަސްކިރުމުގައި ދިމާވަމުންދާ ބޮޑެތި އުނދަގޫތަކާއި މި ނޫންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަންގައިދޭ ބޯޑުތައް މި އިޙްތިޖާޖުގައި ވަނީ ބޭނުން ކޮށްފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މި ނޫހަށް މަޢުލޫމާތު ދިންގޮތުގައި އެ ރަށުގައި ބޭއްވި މި އިޙްތިޖާޖުގައި އޭނާއާއި އެރަށު ކައުންސިލްގެ ގިނަ މެންބަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސް ވެސް މި އިޙްތިޖާޖުގައި ބައިވެރިވެފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުޙައްމަދު ރަޝީދު ވިދާޅުވީ މަސްވެރިންގެ މި ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ނުލިބޭނަމަ އަދިވެސް އެފަދަ އިޙްތިޖާޖުތައް މަސްވެރިން ބާއްވާނެކަމަށާއި، މީގެ ކުރިންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލް މެދުވެރިވެ ކަމާ ގުޅުންހުރި ފަރާތްތަކާއި ޙިއްސާކޮށްފައިވާނެކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަމަށް އެދެވޭ ޙައްލެއް ލިބިފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިހަވަންދޫ އަކީ އާބާދީގައި 3،492 މީހުން އުޅެމުން އަންނަ ރަށެކެވެ. އެރަށުގެ އާބާދީގެ %80 މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އެގޮތުން އެރަށުގައި މަސްވެރިކަން ކުރާ 20 އުޅަނދު އޮންނަ ކަމުގައި މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
އިހަވަންދޫގައި މިއަދު ކުރިޔަށްދިޔަ އިޙްތިޖާޖު ބާއްވާފައި ވަނީ އެރަށު ބަނދަރުމަތީ އައިސް ޕްލާންޓް ކުރިމަތީއެވެ.
އިޙަވަންދޫގެ މަސްވެރިން އިސްވެ ތިބެ މިއަދު ބޭއްވި މި އިޙްތިޖާޖާއި ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވިދާޅުވެފައި ވަނީ އިހަވަންދޫ މަސްވެރިން ކުރަމުންދާ އިޙްތިޖާޖުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކަނުލައި އަހައި، މަސްވެރިންގެ ކަންބޮޑުވުންތަކަށް މާނަވީ ޙައްލެއް ހޯދައިދޭން ޖެހޭކަމަށެވެ.
"ބާނާމަސް ވަގުތުން ކިރާ އެޔަށް އެކަށީގެންވާ އަގެއް ލިބެންޖެހޭ!" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މަސްވެރިންނަށް ހިތްވަރުދީ ޖޯކުޖެހުން ހުއްޓާލުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ ގޮވާލައިފައެވެ.



