ސަރުކާރުން މަސްވެރިންގެ އަޑުއައްސަވައި، މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރަން ބޭނުންވާ ކަންކަން ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް އެދިފައިވަނީ މަހުގެ ކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީޚެއް ކަނޑައެޅުމަށެވެ.
ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ނެގުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމުގެ ދަތިތައް ހިމެނެއެވެ. އަދި މިފްކޯގެ މަސްކިރާ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރުމަށްވެސް ކެއުޅުން އެދިފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މަހުގެ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވުމުންނެވެ. އެހެންނަމަވެސް މަހުގެ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ބޭންކުން ދޫކުރާ ލޯނަށް އެދޭ އިޖުރާއަތުތައް ފަސޭހަކުރުމަށާއި، ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް މަސްވެރިންގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސްޓީއޯއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގެއްގައި ތެޔޮ ވިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.



