ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އެކަށޭނެ ބަޖެޓެއް ނުދީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައި ކަމަށެވެ.
މީގެ އިތުތުން ކޮވިޑް ތެރޭގައި އިންތިޚާބު ނުބާއްވާ ގޮތަށް ޤާނޫނަށް ގެނައި ބަދަލުތައް އިސްލާހު ކޮށްގެން ނަމަވެސް 2021 މާރިޗު ގައި އިންތިޚާބު ބާއްވަން ޖެހޭކަމުގައި އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ކައުންސިލް އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ފާސްކުރި ޤާނޫނަށް ހުރިހާ އިދާރާތަކަކުންވެސް ބޯލަނބަންޖެހޭކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚަށް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިންވެސް އެހީތެރިވާން ޖެހޭ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސަންސެޓް ޤާނޫނުގައި ބުނާ ގޮތުން އެ ޤާނޫނު ތަސްދީޤު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހެއެވެ. މި ތާރީޚް އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެއެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ދަނީ މި އިންތިޚާބު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އަދި ޔަޤީންވެފައެއް ނުވެއެވެ.
އިންތިޚާބު ބާއްވަން ޖެހޭ އެންމެ ފަހު ތާރީޚް އަންނަ އަހަރުގެ މެއި މަހު ހަމަވާއިރު، ރޯދަމަސް އަންނަ އަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގައި ފެށޭނެއެވެ.




