ރާއްޖޭގެ ސިޔާސީ މައިދާނުގައި ފިޔަ ޖަހަމުންދާ ގިނަ ތަރިންނަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޮފުދާރު ކުރެެއްވި ތަރިން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ތައުރީފުކުރައްވައި، އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެބޭފުޅާވެސް ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީނަކީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ކެބިނެޓުން ޒުވާނުންނަށް ފުރުސަތުދެއްވައި މީހުން މީހުންނަށް ހެއްދެވި ލީޑަރެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ސިޔާސީ މައިދާނުގައި ފިޔަ ޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރު ކުރެއްވި، ދިހުން ގެނެސްދެއްވި ތަރިން." އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ތައުރީފުކުރައްވައި އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ކެބިނެޓަަށް އެންމެ އިހާނެތިކޮށް ހެއްދެވި ވެރިޔަކަށް ރައީސް ޔާމީން ވާނެ ކަމަށާއި، ރައީސް ޔާމީންގެ ކެބިނެޓު ދައުރު ނިމުނުއިރު ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީ ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އޯޑިއޯއެއް އިއްޔެ ވަނީ ލީކުވެފައެވެ.