ދުޢާއަކީވެސް އަދި އުއްމީދަކީވެސް އެދުވަހު ދިވެހިން ދައްކުވައިދިން މާތްސިފަތައް އަޅުގަނޑުމެންގެ މުޖްތަމަޢުން ފޮހެވިގެން ނުގޮސް، އަޅުގަނޑުމެންނަކީ އެއްބައިވަންތަ އެކުވެރި ބައެއްގެ ގޮތުގައި ތާއަބަދުމެ ލެހެއްޓެވުންކަމަށާއި، އެފަދަ ހިތާމަވެރި ދުވަހެއް މި ޤައުމަށް ދެން ކުރިމަތި ނުކުރެއްވުންކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ސުނާމީގެ ހިތާމަވެރި ކާރިސާއަށް 16 އަހަރު ފުރުނު ދުވަހާއި ގުޅިގެން ޕްރޮގްރެޒިވް ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާކަމަށާއި، މިކާރިސާގައި ރާއްޖެއިން ނިޔާވެ އަދި ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރާކަމަށެވެ.
"އަދި މިހާދިސާގައި ނިޔާވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ވަރަށް ހިތްވަރާއެކު އިންސާނީ ޚިދުމަތުގައި އުޅުއްވި އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ." މިބަޔާނުގައި ވެއެއެވެ.
މި ކާރިސާގައި ރާއްޖޭގެ އެތައް ރަށަކަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ބައެއްގެ ގޯތި ގެދޮރާއި ދިރިއުޅުން ސުންނާފަތިވެގެންގޮސް އެތައް ބަޔަކަށް ހީވެސް ނުކުރާފަދަ ނަފްސާނީ ގެއްލުންތަކާ ކުރިމަތިވި މިދުވަހު ދިވެހިން ދުވަހަކުވެސް ދެކެފައިނުވާފަދަ ހިތްދަތި އަދި ބިރުވެރި ކަމުގެ ތެރޭގައި ދިވެހި ލޮބުވެތި ރައްޔިތުން އެ ދުވަހު ދައްކުވައިދިނީ އަޅާލުމާއި އޯގާތެރިކަމާއި ހިތްހެޔޮކަމާއި އެކުވެރި ކަމުގެ މިސާލެއްކަމަށާއި، އަދި ޤައުމަށް ދިމާވާ މިފަދަ ކޮންމެ ޙާލަތެއްގައިވެސް ދިވެހި ރައްޔިތުން ދައްކުވައިދެނީ މި މަތިވެރި ނަމޫނާކަމަށް ކޯލިޝަންގެ މިބަޔާނުގައި ވެއެވެ.
އަދި މިކާރިސާގައި ލިބުނު ގެއްލުންތައް އިއާދަކޮށް ވަގުތީ ހިޔާގައި އުޅެންޖެހުނު ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ ޒިއްމާ މި ޕާޓީގެ ސަރުކާރުން، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ވަޢުދެއްގެ ސިފައިގައި ފުރިހަމަ ކުރެވުނުކަން ހިތްހަމަ ޖެހުމާއެކު ފާހަގަކުރާކަމަށްވެސް މިބަޔާނުގައިވެއެވެ.




