އިދިކޮޅު ސަޕޯޓަރުން ޕޮލިސް ކަސްޓޮޑިއަލް ކައިރީ-- ފޮޓޯ: ޕީޕީއެމް

އެއްވުމުގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި

އިދިކޮޅުން ކޯލިޝަން ޕީޕީއެމް-ޕީއެންސީން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ "އިންޑިޔާ އައުޓް" އިހްތިޖާޖުގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި އެވެ.

ރާއްޖެއިން އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ބާއްވަމުންދާ "އިންޑިޔާ އައުޓް" ސުލްޙަވެރި އިޙްތިޖާޖު ތަކުގެ ތެރެއިން އިއްޔެވެސް އިދިކޮޅުން ވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ބޮޑު ތަކުރުފާނު މަގުގައި އެއްވެ އަޑުއުފުލައިފަ އެވެ.

އެގޮތުން އިއްޔެ ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ވަނީ 29 މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ، މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އެތަނުން އެކަކު ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އަލާ، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާ އަދި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ބުނީ، ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ފިޔަވާ، އެހެން އެންމެން ދޫކޮށްލައިފައިވާ ކަމަށެވެ.

ހީނާ ބުނީ،  ދޫނުކޮށްލާނެ ކަމަށް ފުލުހުން ބުނި ދެ މީހުންގެ ތެރެއިން އެކަކީ ފުލުހުން ވަރަށް އަނިޔާކުރި އަންހެނެއް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ރޭ އަސްތަމާ އެޓޭކެއް ވެސް ޖެހިފައިވާ ކަމަށް ހީނާ ބުންޏެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ބާއްވަމުންދާ ސުލްހަވެރި އެއްވުންތަކުގެ ތެރެއިން ސަޕޯޓަރުން ހިފާ ހައްޔަރުކުރަމުންދާތީވެ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މިއީ ސަރުކާރުގެ އިސްވެރިން އޯޑަރަށް ފުލުހުން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރު އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިންވެސް ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ އަނެއްދުވަހު އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިންވެސް 11 މީހަކު ހައްޔަރުކުރި އެވެ. މި މީހުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރާއި، އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތައްވެސް ހިމެނެ އެވެ.

އިދިކޮޅުން ވަނީ، އެއްވުމުގެ ތެރެއިން ގަދަބާރުން އަންހެން ސަޕޯޓަރުން ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން އެމީހުންގެ "ގަޔަށް އަތްލާ" ހަދާ ކަމުގެ ތުހުމަތާއެކު، އަނިޔާކުރާ ކަމަށްވެސް ބުނެފަ އެވެ. އަދި މި މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް މީސްމީޑިއާގައި މިހާރު އަންނަނީ ދައުރު ވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ