އިދިކޮޅުގެ "ކޮތަރު ކޮށި" ޖަލްސާ ހުއްދަނުނަގައެއް ނުބޭއްވޭނެ: އެޗްޑީސީ

އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، "ކޮތަރު ކޮށި" ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިއްމާފައިވާ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، ހުއްދަ ނެތި އެއްވެސް ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ސަރަހައްދުގައި އިދިކޮޅުން ޖަލްސާއެއް ބާއްވަން ނިންމައިފައިވާކަން އިއުންކުރީ އިއްޔެ އެވެ. ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާއަކީ އެމަނިކުފާނުގެ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓްތައް ލިބުނު ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށް އިދިކޮޅުން ހާމަކުރިއެވެ. 

މި ޖަލްސާ ބާއްވަން އުޅޭ ހަބަރާއެކު އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ،  ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ކަހަލަ ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހު ކަމަށެވެ. އަދި އިދިކޮޅުގެ އެ ހަރަކާތަކީ، އެގޮތަށް ހުއްދަ ނަގައިގެން ބާއްވާ ހަރަކާތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމުގައި ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީ އަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ