ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީސަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހްޤީޤް ކޮމިޓީ އެކުލަވާލައިފިއެވެ.
ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، 27 ޑިސެންބަރު 2020 ގައި ބޭއްވި މި ކޮމިޝަންގެ 100 ވަނަ ޖަލްސާގައި އެކުލަވާލާފައިވާކަމަށެވެ.
އަޙްމަދު ނިޝާރުއާ ގުޅިގެން ޖޭއެސްސީން ބަލަމުންދަނީ އެމަނިކުފާނާއި ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ.ގޮއިދޫ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު އެ ޤަޟިއްޔާ ކުރިއަށް ގެންދިއުމާއި، އެ ޤަޟިއްޔާ ކުރިއަށް ގެންދިޔުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު ޢަމަލުކުރި ކަމަށާއި، އަދި އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ މާލީބަޔާނުގައި ހާމަކޮށްފައި ނުވާކަމަށް ބެލެވޭ މައްސަލައެކެވެ.



