އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހިނގާ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 207.7 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. މިހާތަނަށް 16,469 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަންވެސް މިތަފާސް ހިސާބުން އެނގެންއޮވެއެވެ.
އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 48,258 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.
ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19 އާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.
މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.




