ސާޖިއޯ ރާމޯސް - ފޮޓޯ: ޓްރިބިއުނާ.ކޮމް

ޤައުމީ ޓީމާއެކު އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިއަކަށް ރާމޯސް

ޤައުމީ ޓީމާއެކު އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިއަކަށް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެއްޖެއެވެ.

މިރެކޯޑު ކުރިން އޮންނަނީ ރާމޯސްގެ އެކުވެރި އަދި ސްޕެއިންގެ ގޯލް ކީޕަރު ކަސިލަސްއަތުގައެވެ.

ޔޫރޯ ކޮލިފައިންގައި ހުކުރުދުވަހު ފެރޯ އައިލެންޑްސް އަތުން 4-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗާއެކު ރާމޯސްވަނީ ސްޕެއިންޓީމާއެކު 122 މެޗުން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ރާމޯސް 5 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިންއިރު، ސްޕެއިންގެ ދެވަނަ ލަނޑު ޖީސޫސް ނަވާސް ކާމިޔާބުކޮށްދިނީ 19 މިނަޓްގައެވެ. އޭގެ 11 މިނަޓް ފަހުން ފެރޯ އައިލެންޑްސްއިން ލަނޑެއްޖަހައި ފަރަގު ކުޑަކުރިއެވެ. މިލަނޑު މެޗުގެ 30 ވަނަ މިނަޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮލްސެންއެވެ.

ވަރުގަދަ އަށް ކުޅެމުން ދިޔަ ސްޕެއިންގެ ހަމަލާތައް ދިފާޢުކުރުމަގއި އަވަދިނެތި އުޅުނު ފެރޯ އައިލެންޑްސްގެ ޑިފެންސްލައިނަށް މެޗުގެ 33 ވަނަ މިނަޓްގައި ގޯހެއްހެދި ގެސްޓްސަންއަތުން ބައިކޮޅަށް ލަނޑެއްވަދު މެޗުގެ ނަތީޖާ އަނެއްކާވެސް ސްޕެއިންކޮޅަށް ބޮޑަށް ބުރަވިއެވެ. ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗުގެ 71 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ގާޔާއެވެ.

ރާމޯސް ސްޕެއިން ޤައުމީ ޓީމަށް މިހާތަނަށް 164 މެޗު ކުޅެދީފައިވެއެވެ. ސްޕެއިންގެ ޤައުމީ ޓީމުން ރާމޯސް ފުރަތަމަ ފެނިގެންދިޔައީ 2005 ވަނަ އަހަރު ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

ކޮލިފައިންގެ ދެވަނަ މެޗުގައި ސްޕެއިން ސްވިޑަންއާއި ބައްދަލުކުރާއިރު އެމެޗު ފެށުމަށް ހަމަޖެހިފައިވާނީ ހޯމަދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

ކޮލިފައިން ގްރޫޕްގެ އެއްވަނަގައި މިވަގުތު އޮތީ ސްޕެއިންއެވެ. ދެވަނަގައި އޮތީ ސްވިޑަންއަށްވުރެ އިތުރަށް ދެޕޮއިންޓް އިތުރަށް ސްޕެއިންއަށް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ