މެޗުގެ ފަހު ދިހަ މިނަޓްގެ ތެރޭގައި ޕެނަލްޓީއިން ކާމިޔާބުކޮށްދިން ލަނޑުން ކެޕްޓަން ރާމޯސް ރެއަލްމެޑްރިޑް ސަލާމަތް ކޮށްދީފިއެވެ.
ރެއަލްބެޓިސްއާއި ދެކޮޅަށް އަވޭގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ރެއަލްމެޑްރިޑުންނެވެ. މެޗުގެ 14 ވަނަ މިނަޓްގައި ވަލްވާޑޭ ޖެހި މިލަނޑަކީ ބެންޒެމާގެ ހުރަހަކުން ގޯލް ކުރިމައްޗަށް ވެއްޓުނު ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ އެއްމިނަޓް ފަހުން ލީޑޫ އިތުރަށް ފުޅާކުރުމަށް ރަނުގެ ފުރުޞަތެއް ރެއަލްމެޑްރިޑަށްވަނީ ލިބިގެން ގޮސްފައެވެ. ގޯލް ކުރިމަތީ ހުރެފައި ރާމޯސް ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ތިރިތިރިން ބޭރަށް ދިޔައީ ގޯލް ދަނޑިއާއި ވަރަށް ކައިރިންނެވެ.
ދެކޮޅުންވެސް ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ މިމެޗުގައި ރެއަލްބެޓިސްއިން ނަތީޖާ ހަމަހަމަކުރީ 35 ވަނަ މިނަޓްގައެވެ. އައިއްސަ މަންޑީ މިލަނޑު ކާމިޔާބުކޮށްފައިވަނީ ބޮލުންނެވެ. އަދި ދެ މިނަޓްފަހުން ރެއަލްބެޓިސްއިން ލީޑު ނެގީ ވިލިއަމް ކަރަވާޅޯ އޭރިއާތެރެއިން ގޯލުގެ ހަނި ކަނަށް ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑު ގޯލްގެ ތެރެއަށް ވަދެގެންގޮސްފައިވަނީ ކީޕަރު ކޯޓުއާ އަތުގައިވެސް ޖެހިފައެވެ.
އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިންމާލީ ރެއަލްބެޓިސްއިން ކުރީގައި އޮވެއެވެ. ނަމަވެސް ދެވަނަ ފެއްޓުމާއެކު ވަރަށް ކުރީކޮޅު ރެއަލްމެޑްރިޑުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ ކަރަވާޅޯގެ ހުރަހެއް ރެއަލްބެޓިސްގެ ޑިފެންޑަރު އެމަސަން ދިފާޢުކުރަން އުޅުމުގެ ތެރޭގައި ބައި ކޮޅަށް ވަތް ލަނޑެކެވެ. ރޭގެ މެޗުގައި އެމަސަންއަށް ރަތްކާޑެއްވެސް ދައްކާފައިވެއެވެ. މެޗުގެ 67 ވަނަ މިނަޓްގައި ފެނިގެންދިޔަ މިރަތްކާޑަކީ ބޯޅައާއެކު އެކަނިމާއެކަނި އޭރިއާތެރެއަށް ވަންނަންދިޔަ ޖޮވިޗަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.
Victory ⚽️⚔️? Let’s continue +3 #LaLiga #HalaMadridYNadaMas #Equipo pic.twitter.com/xKAex5XBSp
— Karim Benzema (@Benzema) September 26, 2020
މެޗުގައި ރެއަލްމެޑްރިޑު މޮޅުވި ލަނޑު ފެނިގެންގޮސްފައިވަނީ 82 ވަނަ މިނަޓްގައެވެ. ޗިޕަކުން ރާމޯސް މިލަނޑު ކާމިޔާބުކޮށްފައިވަނީ ބޯޖާ މަޔޮރަލްއަށް ރެއަލްބެޓިސްގެ އޭރިއާތެރެއިން ބާޓްރާ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ރާމޯސްގެ މިލަނޑާއެކު ސްޕެނިޝް ލަލީގާގައި ޖެހިޖެހިގެން 17 ސީޒަނެއްގައި ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާއަށް ރާމޯސްވަނީ ވެގެން ގޮސްފައެވެ. މިރެކޯޑު ކުރިން ހަދާފައިވަނީ އޮގަސްޓިން ގައިންޒާއާއި ކާލޮސް އަލޮންސޯއެވެ. އޮގަސްޓިން ގައިންޒާ ޖެހިޖެހިގެން ލަލީގާގެ19 ސީޒަނެއްގައި ލަނޑުޖަހާފައިވާއިރު، ކާލޮސް އަލޮންސޯވަނީ 17 ސީޒަނެއްގައި ލަނޑު ޖަހާފައެވެ.
ވީއޭއާރު ބެލުމަށްފަހު އެއީ ޕެނަލްޓީއެއްކަމަށް ރެފްރީ ނިންމިއިރު، އެކަމާއި ހިތްހަމަ ނުޖެހިގެން ރެއަލްބެޓިސްގެ ކުޅުންތެރިން ވަރަށް ޝަކުވާކުރި މަންޒަރުވެސްވަނީ ފެނިގެންގޮސްފައެވެ.
ރޭގެ މޮޅަކީ މިސީޒަންގެ ލަލީގާގައި ރެއަލްމެޑްރިޑަށް ލިބުނު ފުރަތަމަ މޮޅެވެ. ސީޒަންގެ ފުރަތަމަ މެޗުގައި ސޮސިޑޭޑްއާއި ދެކޮޅަށް ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.
މީގެއިތުރުން ރޭގެ މޮޅަކީ ކޯޗު ޒިދާންގެ އިރުޝާދުގެ ދަށުން ރެއަލްމެޑްރިޑް މޮޅުވި 100 ވަނަ މެޗެވެ.



