ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މި ވަނީ 13،660 އަށް އަރާފައެވެ.
އަތޮޅު ތެރޭގެ ގިނަ ރައްތަކަކުން މި ބަލި ފެނުނު ކަމުގައި ވީނަމަވެސް މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައެވެ. މާލެ ސިޓީއަކީ ތޮއްޖެހިފަިއވާ ސަރަހައްދެއްކަމުން މި ބަލި ވަނީ މާލެ ސިޓީގައި ވަރަށް ހަލުވި ކަމާއެކު ފެތުރިގެން ގޮސްފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ހަރުކަށި ފިޔަވަޅު ތަކެއް އެޅިކަމުގައި ވީނަމަވެސް، ނިއުނޯމަލްގައި ވަނީ މި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ.
އެހެން ގޮތަކަށް ބުނާނަމަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ މި ބައްޔާއެކު ދިރިއުޅެން ދަސްކޮށްފައެވެ. ބަލިން ސަލާމަތްވެ ރައްކާތެރި ވުމަށްޓަކައި މާސްކް ބޭނުން ކުރުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމާއި މި ނޫންވެސް ބަލިން ރައްކާތެރިވުމަށްތަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ މީހުން މަދެއްނޫނެވެ.
ރާއްޖޭގައި މިހާތަނަށް 13،660 މީހުންނަށް މި ބަލި ޖެހިފައިވާއިރު، 13،082 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއީ 95.77 އިންސައްކަތައެވެ. މިބައްޔަށް މިހާރު 522 މީހަކު ފަރުވާ ހޯދަމުންދާއިރު 35 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެހެން ކަމުން ކޮވިޑް-19 އިން ރަނގަޅު ވުމަށްފަހު ފަރުވާ ބަހައްޓަންވީ ކޮންކަންތައްތައް އެގުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެއެވެ.
އެގޮތުން މި ބަލިން ރަނގަޅު ވުމަށްފަހު ބައެއް މީހުންނަށް ނޭވާލާން ދަތިވުމާއި، ހާސްވެ ކަންބޮޑުވުމާއި، ވަރިބަލުވުން ކުރިމަތިވެއެވެ. މިގޮތަށް ދިމާވާ ބޭފުޅުން ހަނދާން ބަހައްޓަންވީ މި ކަންތައްތަކަކީ މަޑުމަޑުން ރަނގަޅުވާނެ ކަންތައްތަކެއްކަމެވެ.
މިފަދަ ކަންތައްތައް ކުރިމަތިވާ ފަރާތްތަކަށް މި އުނދަގޫތައް ލުއި ކުރުމަށްޓަކައި ގޭގައި ކުރެވިދާނެ ބައެއްކަންތައްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ހަމަޖެހިލައިގެން ތަނެއްގައި އިށީނދެ އިނދެގެން ފުންކޮށް ނޭފަތުން ނޭވާއެއް އެތެރެއަށް ލުމަށްފަހު އަދި ހަށި ފުރާ ނޭވާ ލުމަށްފަހު އަނގައިން އެނޭވާ ބޭރުކޮށްލެވިދާނެއެވެ. މިގޮތަށް ދިހަވަރަކަށްފަހަރު ދުވާލަކު ދެތިން ފަހަރު މިކަން ކުރެވިދާނެއެވެ.
މީގެ އިތުރުން ސްޓްރެޗް ކުރުން ކަހަލަ ކަންތައްތައްވެސް ގޭތެރޭގައި ކުރެވިދާނެއެވެ.
ނަމަވެސް ކޮވިޑް-19 ގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލާ ފަރާތްތަކުން ހަތަރު ހަފްތާ ނުވަތަ ހަ ހަފްތާވަންދެން ބޭރަށް ހިނގަން ނުދިއުން ނުވަތަ ކަސްރަތު ކުރަން ހިނގަން ނުދިއުން ވަރަށް މުހިންމެވެ.
އެހެން ނަމަވެސް ކުރިން ބުނިފަދައިން އެހެން މީހުންނެކޭ އެއްގޮތަށް މި މީހުންނަށްވެސް ގޭތެރޭގައި އެފަދަ ކަންތައްތައް ކުރެވިދާނެއެވެ.



